ހައިކޯޓް

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

Mar 13, 2023

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުލަމަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.