ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ގްރޭޓާ މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުތަކުގައި މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމު ކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 06:00 އަށް ކަމަށެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ.
ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އާއި ދެމެދު ވިޔަފާރި އުސޫލުން އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއްގައި އުފުލުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން މުދާ އުފުލާ އުޅަނދުތަކަށް ބްރިޖަށް އެރޭނެ ވަގުތުތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. މިގޮތުން ބްރިޖް މަތީގައި މުދާ އުފުލާ އުޅަނދުތަކަށް ދަތުރު ކުރެވޭނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 01:00 އިން ފެށިގެން ހެނދުނު 06:00 އަށެވެ.
ކައްކާ ގޭހާއި ފެން ބްރިޖް މަތިން އުފުލޭނެ ވަގުތުތައްވެސް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެތަކެތި ބްރިޖް މަތިން އުފުލޭނީ ހެނދުނު 09:00 އިން ފެށިގެން 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 06:00 އަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެންގުމާ ހިލާފަށް އަމަލު ކުރާ ދަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.