ބޮލީވުޑް

ސަލްމާން އާއި ސޫރަޖު ގުޅިގެން "ޕްރޭމް ކީ ޝާދީ" އުފައްދަނީ

ސަލްމާން ޚާން ލީޑް ރޯލަށް ލައިގެން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ އުފައްދާފައިވާ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ރީތިވެފައި ކާމިޔާބެވެ.

"މައިނޭ ޕިޔާރް ކިޔާ"، "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތު ސާތު ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ސަލްމާނާއި ސޫރަޖް ގުޅިގެން މިހާތަނަށް އުފެއްދި ފިލްމުތަކެވެ.

ސޫރަޖުގެ ފިލްމުތަކުގައި ސަލްމާންގެ ކެރެކްޓާއަށް އަބަދުވެސް ކިޔަނީ 'ޕްރޭމް' އެވެ. މިހާރު އަނެއްކާވެސް ޕްރޭމްގެ ކެރެކްޓާއާއެކު ސަލްމާނާއި ސޫރަޖު އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

މިފަހަރުގެ ފިލްމަށް ކިޔަނީ "ޕްރޭމް ކީ ޝާދީ" އެވެ. ފިލްމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހިސާބުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ސޫރަޖުގެ ފިލްމުތަކުން އަބަދުވެސް ފެންނަނީ ބޮޑެތި އާއިލާތަކުގެ މެންބަރުންގެ މެދުގައި އޮންނަ ލޯތްބާއި ގާތް ގުޅުމެވެ. އެގޮތުން މިފަހަރުގެ ފިލްމުގައި ވެސް ދައްކާނީ މިފަދަ ބޮޑު އާއިލާތަކެއްގެ ދިރިއުޅުމުގެ ސަފުހާ ތަކެއް ކަމަށް ބެލެވެ އެވެ.

ފިލްމަށް އަދި ބަތަލާއަކު ހަމަނުޖެހޭ ކަމަށާއި ސޫރަޖު މިހާރު ގެންދަނީ ބަތަލާއަކަށް ހަމަޖައްސާނެ އެކްޓަރަކު ހޯދަމުން ކަމަށް ވެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރަން އަމާޒު ހިފާފައިވަނީ 2024ގެ ފަހުކޮޅަށެވެ.