ރައްޔިތުން ވެރިކަން ހަވާލުކުރުމާއެކު ނުރައްކާތެރި ހުރިހާ ގޭންގްތަކެއް ރޫޅާލާނެ ކަމަށް ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގާއި ދެކޮޅަށް މައިގަނޑު ހަތަރު ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު އެތެރެކުރާ ބޯޓުތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނެ ކަމަށާއި ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.
ޑްރަގުގެ ވިޔަފާރިކުރާ މީހުން މިނިވަން ނުވާ ގޮތަށް ޖަލުގައި ބަންދު ކުރާނެ ކަމަށާއި ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ރިހިބިލިޓޭޝަން ފަރުވާ 24 ގަޑިއިރު ތެރޭގައި ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ ވަބާ ކަމަށާއި ޑްރަގާއި ގުޅިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގޭންގުތައް ކަމަށްވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
އުަމަރު ނަސީރު ވިދާޅުވީ ގޭންގުތަކުން މީހުންނަށް ބިރު ދެއްކުމާއި ވަޅިހެރުން ފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ގޭންގުތަކަށް އެގޮތަށް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވި ގޮތުގައި ޑްރަގުގެ ވަބާ ހުއްޓުވުމުގައި ނާކާމިޔާބުވެފައިވަނީ ހުޅަނގުގެ މޮޑެލްތައް ބޭނުންކުރުމުގެ ސަބަބުންނެވެ. ޑްރަގުގެ ވަބާއިން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީއާގެ މޮޑެލް ކަމަށް ވިދާޅުވި އެވެ.