މުހައްމަދު ނާޒިމް

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ: ނާޒިމު

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

"ނާޒިމު ބުނަނީ ކީކޭ؟" ގެ ނަމުގައި އެމްއެންޕީން ރޭ ކުރިއަށް ގެންދިޔަ ކްލަބްހައުސް އިވެންޓުގައި ނާޒިމު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކޮށް އެތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދީގެން ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މަރުގެ އަދަބުދޭކަން ފާހަގަކުރައްވާ ނާޒިމު ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ހިޔާލު ތަފާތު މައްސަލައެއްގެ ގޮތުގައި މި އޮތީ. އެހެން ނަމަވެސް އަޅުގަނޑު މިހާރު މި ދަނީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކާއެކީ ބައްދަލުކޮށް މިކަމާ މަޝްވަރާކުރަމުން. ހުދު އަޅުގަނޑު ގަބޫލުކުރާ ގޮތަކީ މިފަދަ ކަންތައް ކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް." ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މަސްތުވާތަކެއްޗަށް ޑިމާންޑް އޮންނަ ނަމަ މަސްތުވާތަކެތި އެތެރެކުރާނެ ކަމަށެވެ.

"ޑިމާންޑެއް އޮވެއްޖިއްޔާ އެކަމެއްގެ ސަޕްލައި ވަންނާނެ. ސަޕްލައި ވަންނަ ދޮރުތައް އަޅުގަނޑުމެން ބަންދުނުކުރާ ހިނދަކު އަޅުގަނޑުމެންނަށް މިކަން ހުއްޓުވޭކަށެއް ނޯންނާނެ،" ނާޒިމު ވިދާޅުވި އެވެ.

ޑިމާންޑް އެންޑް ސަޕްލައި ހުއްޓުވުމަށްޓަކައި އޮތް ހަމައެކަނި ހައްލަކީ ނާޒިމު ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި އޮތް މޮޑެލް އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އަދަބު ދިނުމަށް ނިންމާ ގޮތެއް މެނިފެސްޓޯގައި ހާމަކުރާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ނާޒިމު ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު އެތެރެކުރާ ބޯޓުތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނެ ކަމަށާއި ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.