މުހައްމަދު ނާޒިމް

ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ތަނެއް ދޭނަން: ނާޒިމު

ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމެންޓެއް ދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ރޭ ފެށި "ނުއިވޭ އަޑުތައް" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ނާޒިމު ވިދާޅުވީ ރާއްޖޭގައި އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އަސްލަށް ރުޖޫއަވާންޖެހޭ ކަމަށެވެ.

"ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އަޅުގަނޑުމެން މި ބަލަނީ އެންމެ މަދުވެގެން މީހަކަށް، އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނޫނީ އޭނާއަށް އެޕާޓްމެންޓެއް ލިބެން އެބަޖެހެއޭ،" ނާޒިމު ވިދާޅުވި އެވެ.

އުމުރުން 18 އަހަރުވުމާއެކު އެ މީހަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާކަން ނާޒިމު ފާހަގަކުރެއްވި އެވެ.

އެއްގެއެއްގައި އާއިލާގެ ގިނަ ބަޔަކު ތޮއްޖެހި އުޅެންޖެހުމުން ދިމާވާ އިޖުތިމާއީ އަދި އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތާއި އަލަތު ކައިވެންޏާ ހިސާބުން ފެށިގެން ދަރިން ލިބި އާއިލާ ބޮޑުވަމުންދާ ވަރަކަށް ބޯހިޔާވަހިކަމަށް ހައްލު ހޯދޭނެ ގޮތް ނާޒިމު ވިދާޅުވި އެވެ.

އެގޮތުން 1،200 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެ ކަމަށާއި ދަރިން ލިބި ދަރިން ބޮޑުވަމުން ގޮސް އާއިލާއާ އެކަށީގެންވާ އެޕާޓްމަންޓެއް ބޭނުންވުމުން އެފަދަ އެޕާޓްމަންޓަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ގޯތިގެދޮރު ބިނާކުރުމަށް އިންޓްރެސްޓް ނުހިމެނޭ ލޯނު ލިބޭނެ އިންތިޒާމްތަކާއި ކުލި ދެއްކުމުގައި ދަތިކަން ހުންނަ އާއިލާތަކަށް ރެންޓް ސަޕޯޓްދޭ ނިޒާމެއްވެސް ހަމަޖައްސަވާނެ ކަމަށެވެ.