މުހައްމަދު ނާޒިމް

ގޯއްޗަކީ އިންތިހާބަށް ދިން ރިޝްވަތެއް: ނާޒިމް

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ އެމްއެންޕީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ މާލޭގައި ގެދޮރުހުރި މީހުންނާއި މުއްސަނދިންނާއި ވިޔަފާރިވެރިންނަށްވެސް ގޯތި ލިބިފައިވާ ކަމަށެވެ.

"މިހާރު ދިން ގޯތިތަކަކީ އަޅުގަނޑު ދަންނަވާނީ ސީދާ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތިތަކެއް،" ނާޒިމު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއްކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި ނިކަމެތިންނަށް ގޯތި ދޭނެ ކަމަށެވެ. އެމްއެންޕީގެ ވެރިކަމެއްގައި ގޯތި ދޭނީ މިއަށްވުރެ ފުރިހަމައަށް ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުވާލިި ފުރުސަތުގައި 15،164 ފޯމު ހުށަހަޅާފައިވެ އެވެ.

ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު މީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނެނީ 10،314 މީހުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.