މުހައްމަދު ނާޒިމް

ޓިއުޝަން ދޭން ނުޖެހޭ ގޮތަށް ނިޒާމް ބަދަލުކުރާނަނަށް: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ތައުލީމީ ނިޒާމް މުޅިން ބަދަލުކޮށް، ކޮންމެ ދުވަހަކު އެތައް ފަހަރަކު ދަރިވަރުން ސްކޫލަށް ދާން ޖެހޭ ޖެހުން ބަދަލު ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ނުއިވޭ އަޑުތައް" ނަމުގައި ރޭ އެމްއެންޕީ އިން ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުއްޖާ ސްކޫލަށް ގެންދަންޖެހޭނީ އެއް ފަހަރު ކަމަށާއި ބެލެނިވެރިން ދެން އެދުވަހު ސްކޫލަށް ދާންޖެހޭނީ ކުއްޖާ ބަލާ ކަމަށެވެ.

ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ "އުފާވެރި ޒުވާނާ"ގެ ނަމުގަ އެވެ.

" ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރާނަން، ކުދިން ޓިއުޝަނަށް ފޮނުވަންވެސް ނުޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

އެއްދަންފަޅީގެ ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަ ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެކަން ތަންފީޒު ކުރާނެ މީހެއް ނެތް ކަން ނާޒިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ނާޒިމް ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ސްކޫލުތަކުގެ ކިޔެވުމާއި އިތުރު ހަރަކާތްތައް އޮންނާނެ ގޮތް ސިފަކޮށްދީފަ އެވެ. އެމަނިކުފާނު ވިދާޅުވީ އޭރުން ހެނދުނު ސްކޫލަށް އަންނަ ދަރިވަރު ހަވީރު ގެޔަށް ދާއިރު އިތުރު ހަރަކާތާއި ހުނަރުތަކާއި ކުޅިވަރުތައްވެސް ހިމެނޭހެން ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭނެ ގޮތަށް ސްކޫލުގެ ވަގުތުތައް ހަމަޖައްސަވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކުދިން ސްކޫލަށް ގޮސް ހުރިހާކަމެއް ނިމިގެން ދެން ގެއަށް އަންނަ ގޮތަށް ހެދުމުން، ދަރިވަރު ހަވީރު ގެއަށް އައިސް ދެން އޮންނާނީ އާއިލާއާއެކު ވަގުތު ހޭދަކުރުމާއި ޢއާއިލާއާއެކީ ޕާކަށާއި ތަންތަނަށް ޒިޔާރަތްކުރުން ކަމަށެވެ. އަދި އެގޮތަށް އާއިލާތަކުން ކުޑަކުދިން ގޮވައިގެން ކުޅިވަރާއި އެކިއެކި ކަންކަމަށް ގޮސް އުޅެވޭނެ ތީމް ޕާކުތައްވެސް ހައްދަވާދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ސިފަކުރައްވަމުން ނާޒިމް ވިދާޅުވީ މިހާރު ކުދިން ސްކޫލުން އައިސް ގޭގައި ތިބޭއިރު ގިނަ ވަގުތު ގޭމު ކުޅުމުގައި ވަގުތު ހޭދަކުރާކަން ފާހަގަކުރެވޭ ކަމަށާއި އެކަންވެސް މި ސިޔާސަތުގެ ސަބަބުން ބަދަލުވާނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި އިތުރު ހަރަކާތްތަކާއި، ކުޅިވަރާއި ހުނަރުތައް ހިމެނޭ ހަރަކާތްތައްވެސް އެކަށީގެންވާ ގޮތަށް ހިންގަވާނެ ކަމަށެވެ. އަދި ކޮންމެ ކުއްޖަކުވެސް ކޮންމެވެސް އެއް ހަރަކާތެއްގައި ބައިވެރިވާ ގޮތަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ޓިއުޝަންގެ ކަންތައް ހިނގަމުން ދަނީ އޭގެ ނޭދެވޭ ގޮތުގައިކަން ސިފަކުރައްވައި ނާޒިމް ވިދާޅުވީ މިހާރު ޓިއުޝަންގެ "ވަބާ" ރާއްޖޭގައި އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރިންގެ ޓިއުޝަން ފީއަށް އާމްދަނީން ބޮޑު އެއްޗެއް ބެލެނިވެރިން ހޭދަކުރާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ތައުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިހާރު މި އޮންނަ ނުރަނގަޅު ޓިއުޝަންގެ ކަލްޗަ އުވާލައްވާނެކަމުގައި ނާޒިމް ވިދާޅުވިއެވެ.