މާފަންނުގައި ތަރައްގީ ކުރާ އާޓިފިޝަލް ބީޗުގެ ހުޅުވުން ލަސްވީ މޫސުން ގޯސްވެ މަސައްކަތް ކުރަން ހުރަސްތަކެއް އެޅުމުން ކަމަށާއި ހަފްތާއެއްގެ ތެރޭގައި ބީޗު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު މީގެ ކުރިން ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ، އާޓިފިޝަލް ބީޗުގެ މަސައްކަތް މިމަހުގެ މެދު ތެރޭގައި ނިންމައި ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމަސައްކަތް ވަނީ މިނިސްޓްރީ އިން ބުނި ވަގުތައް ނުނިމިފަ އެވެ.
މުއިއްޒު މިއަދު ވިދާޅުވީ މަސައްކަތް ކުރަމުން އައީ މިދިޔަ ހަފްތާއަށް ބީޗުގެ މަސައްކަތް މުޅިން ނިންމައި ރައްޔިތުންނަށް ހިދުމަތް ދެވޭވަރު ކުރަން ކަމަށާއި ނަމަވެސް ނުނިމުނީ މޫސުން ގޯސްވެ މަސައްކަތަށް ހުރަސް އެޅިގެން ކަމަށެވެ.
"މިހާރު އާ ބީޗުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފަ. ފައިނަލް ޓަޗް ދެން ހަމަ އޮތީ. ހަފްތާއެއް ތެރޭގައި ހުރިހާ ކަމެއް ނިމި އާޓިފިޝަލް ބީޗު ހުޅުވާނަން،" މުއިއްޒު ވިދާޅުވި އެވެ.
ރަށެއްގެ މަލަމަތި ސިވަފާ ފަދަ ގޮތަކަށް މާލޭ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއް ތަރައްގީ ކުރަމުން އަންނަ ބީޗުގެ މަސައްކަތް ހަފްތާއެއް ތެރޭގައި ނިންމަން ރާވައިފައި ނަމަވެސް މޫދާ ގުޅިފައިވާ ޕެވީލިއަން އާއި އެތަނަށް ދިޔުމަށް ގުޅާފައި ހުންނަ އޯވަ ހެޑް ބްރިޖްގެ މަސައްކަތް އަދި ނުނިމެ އެވެ. ޕެވިލިއަންގެ މަސައްކަތް ނިމި ހިދުމަތް ދޭން ހަމަސް ދުވަސް ނަގާނެ އެވެ.
ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާފަންނުގައި އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް ފަހު ހެންވޭރުގައި މިހާރު ހުންނަ ބީޗުވެސް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.