ޑީއެންއާރް

އޮންލައިންކޮށް އެޕްލައިކުރާ އައިޑީ ކާޑު ރަށްރަށުން ނެގޭނެ

ރަށްރަށުގައި ތިބެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑީ ކާޑު ހެއްދުމަށް އޮންލައިންކޮށް ހުށަހެޅުމުން އެމީހަކު ހުންނަ ރަށެއްގެ ކައުންސިލް އިދާރާއިން އައިޑީ ކާޑު ނެގޭނެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.

ރަށްރަށުގައި މިހާރު އައިޑީ ކާޑަށް އެދި ހުށަހަޅަން ޖެހެނީ ކައުންސިލް އިދާރާއަށެވެ. އޮންލައިންކޮށް ހުށަހަޅައިފި ނަމަ އެ ކާޑު ނަގަން ޖެހެނީ މާލެއިންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އައިޑީ ކާޑުގެ ހިދުމަތް ދެމުން އައި ޕޯޓަލްއަށް ގެނައި ބޮޑެތި ބަދަލުތަކާއިއެކު މިހާރު ވަނީ ރަށްރަށުގައި ތިބެގެން އޮންލައިންކޮށް އައިޑީ ކާޑަށް އެދުމުން އެ ރަށެއްގެ ކައުންސިލުން ކާޑު ނެގޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

ޑީއެންއާރް ޕޯޓަލްއަށް ގެނައި ބަދަލުތަކާއި އެކު މިހާރު އައިޑީ ކާޑު ހައްދަން ހުށަހަޅާ އެޕްލިކޭޝަން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިއަދު ވަނީ އައިޑީ ކާޑު ފޯމު ބަލައިގަތުން ހުއްޓާލާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ސަރުކާރުން އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ޓެސްޓު ކުރަމުންނެވެ. އެގޮތުން 531 މީހަކަށް ޑިޖިޓަލް އައިޑީ ކާޑު ޓެސްޓު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.