މީހުން

މުސްލިމު އިލްމުވެރިޔާ އަލް މައްސޫދީ

އަބުލް ހަސަން އަލީ އިބްނި ހުސައިން އިބްނި އަލީ އަލް މައްސޫދީ އަކީ އަބްދުﷲ އިބްނި މައްސޫދު، (ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް)ގެ އެކުވެރި ސަހާބީއެއްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ.

އޭނާ އަކީ ޖިއޮގްރަފީގެ މާހިރެކެވެ. އަދި ހަމަ އެހެންމެ ފިޒިކްސް އާއި ތާރީހު އިލްމަށް ކުޅަދާނަ އަލް މައްސޫދީ އުފަންވެވަޑައިގެންފައިވަނީ މީލާދީން ނުވަވަނަ ގަރުނުގެ ތެރޭގަ އެވެ.

އޭނާ އަކީ އަރަބިންގެ ތެރެއިން މުތަޒިލިޓް ބޭފުޅެކެވެ. މުސްލިމުންގެ ހަލީފާ އުސްމާންގެފާން އަވހާރަކޮށްލުމުން މުސްލިމުންގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި ވަކިކޮޅަކަށް ޖެހިވަޑައިނުގެން ހުންނެވި ބޭފުޅެކެވެ. ދުރު ތަންތަނަށް ވަޑައިގެން އޭނާ ދިރާސާކޮށް އުޅުއްވި އެވެ.

އަލް މައްސޫދީ މީލާދީން 910 ގައި އިރާންގެ ފަރްސަށް ވަޑައިގަތެވެ. އެތަނުގެ އިސްތަހްރުގައި އަހަރެއް ވަންދެން މަޑުކުރެއްވުމަށްފަހު ބަޣުދާދަށް ވަޑައިގެން އެއިގެ ފަހުގައި އިންޑިއާ އަށް ވަޑައިގަތެވެ. އަދި ފަރްސް އަށް އެނބުރިވަޑައިގަތުމުގެ ކުރިން މުލްތާން އަދި މަންސޫރާ އަށް ވަޑައިގެންނެވި އެވެ. އެތަނުން ކިރްމަން އަށް ވަޑައިގެން އަދި އަލުން އިންޑިއާ އަށް ވަޑައިގަތެވެ.

މައްސޫދީ އަކީ އެދުވަސްވަރު ކުރިއެރުން އޮތް މުސްލިމުންގެ ދައުލަތް ސިންދުގެ ވެރިރަށެވެ. އެތަނުގައި އަލަށް އިސްލާމްދީން ގަބޫލުކުރި މީހުންގެ އެތައް ބަޔަކު އާބާދުވެފައިވެ އެވެ. މީލާދީން 918 ގައި އެތަނުން ގުޖްރާތަށް ވަޑައިގަތެވެ. ގުޖްރާތުގެ ބަނދަރުމަތީ ތަނެއް ކަމުގައިވާ ޗަމޫރުގައި އަރަބި މުސްލިމުންގެ 10،000 މީހުން އޭރު ވަޒަންވެރިވެގެން އުޅުނެވެ. އަލް މައްސޫދީ އެއިގެ ފަހުން ޑަކަން އާއި ސިލޯނާއި އިންޑޯ ޗައިނާ އަދި ޗައިނާ އަށް ދަތުރުކުރެއްވި އެވެ. އެއިގެފަހުން މަޑަގަސްކަރަށް ދަތުރުކޮށް ޒެންޒިބާރުން އޮމާނުން ބަސަރާ އަށް ވަޑައިގަތެވެ.

ބަސަރާގައި އަލް މައްސޫދީ އޭނާގެ ފޮތް މުރުޖް އަލް ޠަހަބް ލިޔުއްވި އެވެ. އެ ފޮތުގައި އޭނާ ދަތުރުކުރެއްވި ތަންތަނުގެ ތަޖުރިބާ އާއި މީހުންނާއި އަދި މޫސުމާ ބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް ލިޔުއްވާފައިވެ އެވެ. އަދި ޔަހޫދީ އާއި އިރާނާއި އިންޑިއާ އަދި ކްރިސްޓިއަން ގާތް އެކުވެރިންގެ ވާހަކަތައް ގެނެސްފައިވެ އެވެ. އަދި ބަސަރާއި އިން ސީރިއާއިން މިސްރަށް ވަޑައިގަތެވެ. އެތަނުގައި މުރުޖުލް ޒަމާންގެ 30 ވޮލިއުމް އޭނާ ލިޔުއްވި އެވެ. އެ ފޮތުގައި އޭނާ ދަތުރުކުރި ގައުމުތަކުގެ ޖިއޮގްރަފީ އާއި ހިސްޓްރީ ލިޔުއްވާފައިވެ އެވެ. އޭނާގެ ފުރަތަމަ ފޮތް ނިންމާފައިވަނީ މީލާދީން 947 ގައެވެ. އަދި ކިތާބުލް އައުސަތު ލިޔުއްވައި އޭގައި ތާރީހީ ހާދިސާތައް ތަރުތީބުން ލިޔުއްވި އެވެ.

އަލް މައްސޫދީ އަށް މުހާތަބް ކުރެވެނީ އަރަބިންގެ ހެރޮޑޮޓަސް އާއި ޕްލިނީގެ ގޮތުގަ އެވެ. އޭނާ އަކީ އެންމެ ފުރަތަމަ ތާރީހު ދިރާސާކޮށް ފާޑުކިޔައި އަދި އެއަށް ބިނާކޮށް ބަދަލުތައް ތާރީހަށް ގެންނަން ފެށި ފަރާތެވެ. އޭނާގެ މި މަސައްކަތް މަޝްހޫރު އިލްމުވެރިޔާ އިބްނި ހަލްދޫން އިތުރަށް ފުރިހަމަ ކުރެއްވި އެވެ. އަލް މައްސޫދީ އަށް ގައުމުތައް ކުރިއަރައި އަދި ނިމިގެންދާ ގޮތުގެ ފުރިހަމަ ތަސައްވުރެއް އޮތެވެ.

އަލް މައްސޫދީގެ ސައެންޓިފިކް އަދި ތަހުލީލީ ރޮނގުން މީލާދީން 955 ގައި އައި ބިންހެލުމާ ގުޅިގެން ބިންހެލުންތައް މެދުވެރިވާ ސަބަބުތައް ދިރާސާކޮށް ލިޔުއްވައި ރެޑް ސީގެ ފެނާއި ބިމުގެ އެހެނިހެން ސައެންސާއި ގުޅެގޮތުން ލިޔުއްވި އެވެ. އަދި ސިޖިސްތާނުގެ މުސްލިމުން އެންމެ ފުރަތަމަ އުފެއްދި ވިންޑް މިލްސް ތަކުގެ ވާހަކަ ފޮތެއްގައި އެންމެ ފުރަތަމަ ލިޔުއްވީވެސް އަލް މައްސޫދީ އެވެ. އަލް މައްސޫދީގެ މުރުޖުލް ޠަހަބްގައި އަރަބި މިޔުޒިކް އަދި އެހެނިހެން ގައުމުތަކުގެ މިޔުޒިކްގެ ސަގާފަތް ގެނެސްފައިވެ އެވެ.

އަލް މައްސޫދީ އަކީ ސައެންޓިފިކް މެތަޑްތައް އޭނާގެ އިލްމީ ދާއިރާތައް ކަމުގައިވާ ހިސްޓްރިއޮގްރަފީ އާއި ޖިއޮގްރަފީ އަދި ބިމާ ގުޅޭ ސައެންސްގައި ނަޒަރުކޮށް ގެނެސްފައިވާ އިލްމުވެރިއެކެވެ.