ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް މިދިޔަ މަހު ބޭއްވި އެ ޕާޓީ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ކައުންސިލަށް ލަފާ ދީފައި ވަނިކޮށެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އިންނަވައިގެން ވޯޓަށް އަހާފައިވަނީ ގައުމީ ކޮންފަރެންސްގައި ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމާ މެދު ކައުންސިލް މެންބަރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވުމަށެވެ. މިހުށަހެޅުން ފާސްވީ ކައުންސިލް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ހުށަހެޅުމަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމުގެ އަނބިކަނބަލުން އައިޝަތު ނަހްލާ އާއި މިސަރުކާރުގެ އިސް ބައެއް ބޭފުޅުން ހިމެނެ އެވެ. ނަމަވެސް މި ހުށަހެޅުމަށް ޖޭޕީއަށް ނިސްބަތްވާ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ޖޭޕީ މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައި މިވަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާަސިމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއްް ދެ އިންތިހާބުގައި -- 2008 އަކާއި 2013 ގައި ގާސިމް ވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުތަކުގައި ކާމިޔާބު ލިބިވަޑައިނުގަތުމުން ކޯލިޝަން ހައްދަވައިގެން ވެރިކަން ލިބިވަޑައިގަންނަވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވާ ބޭފުޅެކަށެވެ. ގާސިމް ވާދަކުރެއްވި ރިޔާސީ އިންތިހާބުތަކުގައި އެމަނިކުފާނަށް މުޅިންވެސް ލިބިވަޑައިގަންނަވަނީ ތިންވަނަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއާ އެކު ކޯލިޝަން ނުހަދާނެކަން މިއަދު ޔަގީންވެގެން ދިޔައިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ވެސް ހިންގަވަމުންނެވެ.
މީގެއިތުރުން ރައީސް ނަޝީދު ގެންދަވަނީ ގާސިމް އިބްރާހީމްގެ އެޑްވައިޒަރުންނާ ބައްދަލުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމާ އެކު މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ކުރައްވަމުންނެވެ. އަދި މިފަހުން އެމަނިކުފާނު ގެންދަވަނީ ގާސިމަށް ތައުރީފް ކުރައްވާ ވާހަކަވެސް ދައްކަވަމުންނެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށި އަދި ނިންމި ޖަލްސާގައި ވެސް ރައީސް ނަޝީދު، ގާސިމުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއަހަރު ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. އެއީ ރައީސް ނަޝީދުގެ ތާއީދު ރައީސް ސޯލިހަށް ނެތުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނުފެންނާތީ އެވެ.