ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމާއި ޖޭޕީގެ ކައުންސިލްގެ ގިނަ ބޭފުޅުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައިފި އެވެ.
އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިހާރު ކުރިއަށްދާ ޖަލްސާގައި ޖޭޕީގެ ކައުންސިލް ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހާ އެކު ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ޖޭޕީގެ ކައުންސިލްގެ ގިނަ ބޭފުޅުން ރައީސް ސޯލިހަށް މިރޭ ތާއީދުކުރެއްވި ނަމަވެސް ޖޭޕީ އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފަ އެވެ. އެކަމަކު ޖޭޕީގެ އާންމު މެންބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ދިނުމުގެ ހައްގު އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން އަމީން އިބްރާހީމް ވިދާޅުވީ އޭނާއާއި ޖޭޕީގެ ކައުންސިލް ގިނަ ބޭފުޅުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވީ މީގެކުރިން މިސަރުކާރުގައި ހުރި މައްސަލަތައް ރައީސް ސޯލިހް ސާފުކޮށްދެއްވައި ޝައްކެއް ނެތް މިންވަރަށް އޮޅުންފިލުއްވައިދެއްވައި އަދި މިރޭވެސް އެ ވާހަކަތައް އިތުރަށް ޔަގީންކޮށްދެއްވުމުންނެވެ.
އަމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ލިބުނު ވޯޓަކީ ހަގީގީ އަދަދު ކަމަށް ނުބެއްލެވުން އެދޭ ކަމަށެވެ. ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ޖޭޕީގެ ގިނަ ބަޔަކު ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަންވެސް އަމީން ވަނީ ދެއްވާފަ އެވެ.