ދުނިޔެ

އެމެރިކާގެ ޑްރޯން ކަޅުކަނޑަށް ވެއްޓުނީ ކުއްލިއަކަށް މިސްރާބު ބަދަލުކުރުމުން: ރަޝިއާ

ރަޝިއާއިން ހިފާފައި އޮތް ޔުކްރޭންގެ ކްރައިމިއާ ސަރައްދުން، ރަޝިއާގެ ބޯޑަރާ ދިމާއަށް ދަތުރުކުރި އެމެރިކާގެ އަސްކަރީ ޑްރޯނެއް ކަޅު ކަނޑަށް ވެއްޓުނީ ރަޝިއާއިން ކުރި ކަމަކުން ނޫން ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފި އެވެ.

ދިފާއީ ވުޒާރާއިން ނެރުބު ބަޔާނުގައި ބުނެފައިވާ ގޮތުން އެމެރިކާގެ ޑްރޯން ވެއްޓުނީ ކުއްލިއަކަށް މިސްރާބު ބަދަލުކޮށް ދަތުރުކުރަމުންދިޔަ ކޮޅު ބަދަލުކުރުމުންނެވެ.

ރަޝިއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާޗް 14 ވަނަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި، އެމެރިކާގެ އަސްކަރީ ޑްރޯނެއް ރަޝިއާގެ ބޯޑަރަށް ވަންނަން މަސައްކަތްކުރި ކަމަށެވެ.

ބައިނަލްއަގްވާމީ ގޮތުން ވައިގެ ދަތުރުތަކަށް އޮންނަ ޝަރުތަކާ ޚިލާފަށް އެމެރިކާގެ ޑްރޯން ދަތުރުކުރީ ޓްރާންޕޮންޑަރުތައް ނިއްވާލައިގެން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޑްރޯންގެ މިސްރާބު ކުއްލިއަކަށް ބަދަލުކޮށް ކޮޅު ބަދަލުކުރުމުން މިސްރާބު ގެއްލި އަދި ކޮންޓްރޯލުން ނައްޓައި ގޮސް ކަޅު ކަނޑަށް ވެއްޓުނީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާގެ ފައިޓަރު ޖެޓަކަށް އެއްވެސް ގެއްލުމެއް ނުލިބި އެނބުރި ގޮސް އަސްކަރީ މަރުކަޒަށް ތިރިކުރި ކަމަށްވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބަޔާން ނެރެ އެމެރިކާގެ ޑްރޯންއަށް ކަންތައް މެދުވެެރިވި ގޮތް ބަޔާންކުރި ސަބަބަކީ ކަންހިނގައިދިޔަ ގޮތް އޮޅޭ ގޮތަށް ހުޅަނގުގެ ރޭޑިއޯ ޓީވީތަކުން ޚަބަރު ކިޔުމާ ގުޅިގެންނެވެ.

ސީއެންއެން ފަދަ ދުނިޔެއަށް މަޝްހޫރު އެމެރިކާގެ ޓިވީތަކުން ބުނި ގޮތުގައި ޑްރޯން ވެއްޓުނީ ރަޝިއާގެ ފައިޓަރު ޖެޓަކުން ޖެހި އެވެ. އަދި ޑްރޯންގެ ކުރިމައްޗަށް ޖެޓްތައް އަރައި ތެޔޮ ބުރުވި ކަމަށްވެސް ޚަބަރުތަކުގައި ވަނީ ގެނެސްދީފަ އެވެ.