ފިނިޕޭޖް

މެސީގެ ހަޔާތަށް އެނިމޭޓެޑް ސީރީޒެއް

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ލަގަބު ލިބިފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ހަޔާތަށް އެނިމޭޓެޑް ސީރީޒެއް ހަދަނީ އެވެ.

ސޮނީ މިއުޒިކް އެންޓަޓޭންމަންޓް އިން އުފައްދާ މި އެނިމޭޓަޑް ސީރީޒްގައި މެސީއަށް ކުޑައިރުގައި ދިމާވި ހާދިސާތަކުން ފެށިގެން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާއަށް ހާސިލްކޮށްދިނުމުގައި އަދާކުރި މުހިއްމު ރޯލާ ހަމައަށް ގެނެސްދޭނެ އެވެ.

މެސީ ވަނީ ފައިނަލް މެޗްގައި ދެ ގޯލް ޖަހައި، މޭން އޮފް ދަ މެޗްގެ ލަގަބު ވެސް ހާސިލްކޮށްފަ އެވެ.

މި އެނިމޭޓަޑް ސީރީޒް އަމާޒުކޮށްފައިވަނީ ކުޑަ ކުދިންނަށެވެ. އަދި އިނގިރޭސި އާއި ސްޕެނިޝް ބަހުގެ އިތުރުން ތަފާތު ބަހުން މި ސީރީޒް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ސީރީޒްގައި ސޮނީގެ އާޓިސްޓުން ހަދާފައިވާ އޮރިޖިނަލް ރާގާއި ލަވަ ހިމެނޭނެ އެވެ.

މެސީ ބުނީ ކުޑަ އިރުއްސުރެއް އެނިމޭޓަޑް ސީރީޒް ބަލަން ލޯބިކުރާ ކަމަށާއި މެސީގެ ދަރިންވެސް އެކަމަށް ޝައުގުވެރިވާ ކަމަށެވެ.

މެސީ ބުނީ މި އެނިމޭޝަން ޕްރޮޖެކްޓްގައި ބައިވެރިވާން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އެއީ އޭނާގެ ހުވަފެނެއް ކާމިޔާބުވުމުން ކަމަށްވެސް ސިފަކުރި އެވެ. އަދި ސޮނީއަށް ޝުކުރު އަދާކުރަމުން ބުނީ މި ޕްރޮޖެކްޓް އެންމެންނަށްވެސް ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސޮނީގެ ފަރާތުން ފާނަންޑޯ ކަބްރަލް ބުނީ މެސީއާ ގުޅިގެން މި ޕްރޮޖެކްޓްގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށާއި މި ޕްރޮޖެކްޓަކީ ދުނިޔޭގެ އެންމެ މޮޅު އެތްލީޓާއި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ކުޅުމުގެ ތެރެއިން ދެއްކި ހިތްވަރާއި ބާރުގެ އިތުރުން ފިލާވަޅުތައް ދައްކުވައިދޭ ޕްރޮޖެކްޓެއް ކަމަށެވެ.

ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އަށް 2021 އިން ފެށިގެން ކުޅެމުންދާ މެސީ ވަނީ ވޯލްޑް ކަޕްގައި 26 މެޗް ކުޅެ، މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ގިނައިން މެޗް ކުޅުނު ކުޅުންތެރިޔާއަށް ވެފަ އެވެ. އާޖެންޓީނާއަށް 172 މެޗް ކުޅެފައިވާއިރު، މެސީ ވަނީ 98 ގޯލް ގައުމީ ޓީމަށް ޖަހާފަ އެވެ. މެސީ ކުރިން ކުޅުނު ބާސަލޯނާއަށް 520 މެޗް ކުޅުނު އިރު، 474 ގޯލް ޖަހާފައިވެ އެވެ. މެސީ އަށް މިހާތަނަށް ހަތް ބެލޮން ޑޯ (ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ)ގެ އެވޯޑް ލިބިފައިވެ އެވެ.