އިލެކްޝަންސް ކޮމިޝަން

ޑީއާރްޕީއާއި އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި

Mar 15, 2023

މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ސިޔާސީ ޕާޓީ އުވާލަން ނިންމާފައިވާ ނިންމުން ތަންފީޒުކޮށް ސިޔާސީ ޕާޓީގެ ދަފްތަރުން މިއަދު އުނިކޮށްފި އެވެ.

ޑީއާރްޕީއަކީ ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ އެވެ. ޑީއާރްޕީ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއެލްއެސްޑީޕީ އަދި ޑީއާރްޕީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމާ ގުޅިގެން ސިޔާސީ ޕާޓީގެ ދަފްތަރުގައި މިހާރު ހިމެނެނީ ނުވަ ޕާޓީ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ޕާޓީތައް

  • ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)
  • އަދާލަތު ޕާޓީ (އޭޕީ)
  • ޖުމްހޫރީ ޕާޓީ (ޖޭޕީ)
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)
  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)

އިލެކްޝަންސް ކޮމިޝަނުން މި ދެ ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި ގާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މި ދެ ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއްވެސް މި ދެ ޕާޓީން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ޑީއާރްޕީއާއި އެމްއެލްއެސްޑީޕީގެ ދަރަންޏަށް ޒިންމާވާނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތް ކަމުގައިވެސް ކޮމިޝަނުން ބުނެ އެވެ.