އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަރމާކެޓް ކޮންސެޕްޓަށް އެއް އަހަރު

Mar 15, 2023

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަކޮށްފި އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މާޗް 15، 2022 ގައެވެ.

އެސްޓީއޯގެ މި ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާންމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވަމުންނެވެ.

އެސްޓީއޯގެ އުއްމީދަކީ ދިވެހި އަމިއްލަ އުފެއްދުތެރިކަމަށްވެސް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމެވެ.

ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހާ ގުޅިގެން އޮތީ ކޮން ކަމެއް؟

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ ހަތަރު މީހަކަށް 5،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެ އެވެ.

އިންސްޓާގްރަމް އަދި ފޭސްބުކްގައި އަގުހުރި އިނާމުތަކެއް ލިބޭ ގޮތަށް ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށް އެބަގެންދެ އެވެ. އަދި މިއަދުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުންވެސް ކުރިއަށްދެ އެެވެ.

މިހާރު ކުރިއަށްދާ އެސްޓީއޯ ރަމަޒާން ބާޒާރުގެ އިތުރަށް މާދަމާ އިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ވެސް ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެެވެ.

މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ވެސް ދެމުންދެ އެވެ.