ދުނިޔެ

އެމެރިކާގެ އަސްކަރީ ޑްރޯން ކަޅު ކަނޑުން ނަގަން މަސައްކަތް ކުރާނަން: ރަޝިއާ

ރަޝިއާއިން ކޮންޓްރޯލްކުރާ ކްރައިމިއާ ސަރަހައްދުން ރަޝިއާގެ ބޯޑަރާ ދާދި ގާތުން ދަތުރުކުރަމުން ދަނިކޮށް ކަޅު ކަނޑަށް ވެއްޓުނު އެމެރިކާގެ އަސްކަރީ ޑްރޯންގެ ބައިތައް ނަގަން މަސައްކަތްކުރައްވާނެ ކަމަށް ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލޭ ޕާތުރުޝުފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރޯން މިހާރު އޮތީ ކަޅު ކަނޑުގެ ކިހާ ހިސާބެއްގައިކަން އަދި ކަށަވަރެއް ނުވެ އެވެ. ޑްރޯންގެ ބައިތައް ނެގުމަށްޓަކައި ކަނޑުގެ އެންމެ ފުނަށް ފީނަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑްރޯންގެ ބައިތައް އަތުޖެހޭތޯ ވަރަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ. "އުންމީދަކީ ކާމިޔާބުވުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާތުރުޝުފް ވިދާޅުވި ގޮތުގައި ރަޝިއާގެ ބޯޑާރާ އެހާ ގާތަށް އެމެރިކާގެ އަސްކަރީ ޑްރޯންތައް ދަތުރުކޮށް ދިއުން މާނަކުރެވެނީ ޔުކްރޭން ހަނގުރާމާގައި ރަޝިއާއާ ދެކޮޅަށް އެމެރިކާ ބައިވެރިވާ ކަމެވެ.

ޔުކްރޭން ހަނގުރާމާގައި އެމެރިކާ ބައިވެރިނުވާ ކަމަށް އެ ގައުމުގައި މިހާރު އޮތް ސަރުކާރުން ބުނި ނަމަވެސް، ފެނިވަޑައިގަންނަވާ މަންޒަރުތައް ހެކިދެނީ އެ މީހުން ދައުވާކުރާ ގޮތަށް ނޫން ކަމަށް ވެސް ސެކްރެޓަރީ ވިދާޅުވި އެވެ.

އެމެރިކާގެ ހަނގުރާމަމަތީ ޑްރޯން ކަޅު ކަނޑަށް ވެއްޓުނީ ރަޝިއާގެ އަސްކަރީ ޖެޓެއްގައި ޖެހިފައި ކަމަށް އެމެރިކާގެ ޓީވީތަކުން ބުނި ނަމަވެސް، އެކަން ހިނގައި ދިޔައީ އެ ގޮތަށް ނޫން ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

ރަޝިއާއާ އެހާ ގާތުން ޑްރޯން ދަތުރުކުރީ ޓްރާންސްޕޮންޑާ ނިއްވާލައިގެން ކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ބުނެ އެވެ.

ޓްރާންސްޕޮންޑާ ނިއްވާލުމުން އެ އުޅަނދަކާ ބެހޭ މައުލޫމާތު އެއާޓްރެފިކް ކޮންޓްރޯލަރުންނަށްކަށް ނުލިބޭނެ އެވެ. އަދި ރާޑަރު ފަދައިން އުޅަނދުފަހަރުގެ މައުލޫމާތު ދެނެގަންނަ ޑިވައިސްތަކަށް ވެސް އެ އުޅަނދެއްގެ ނިޝާނެއް ވެސް ނުވާނެ އެވެ.

އެހެން ނަމަވެސް، އެމެރިކާއިން ބުނި ގޮތުން ޑްރޯން ވެއްޓުނީ ރަޝިއާގެ ޖެޓްތަކުން ޑްރޯންގެ މައްޗަށް ތެޔޮ ބުރުވައި ކެމެރާތައް ކަނުކޮށްލައިގެން ކަމަށެވެ. ޑްރޯން ދަތުރުކުރަމުން ދިޔަ މަގުމަތިގައި ރަޝިއާގެ ޖެޓްތައް މުގޯލިއަޅަން ފެށުމުން ޑްރޯނަށް މިސްރާބު އޮޅުނީ ކަމަށެެވެ.

އެމެރިކާގެ މިބުނުން ރަޝިއާޢިން ދޮގުކުރެ އެވެ. ރަޝިއާގެ އޮފިޝަލުން ބުނާ ގޮތުން ކަޅު ކަނޑަށް ޑްރޯން ވެއްޓުނީ ރަޝިއާގެ ޖެޓްތައް ފެނި ކުއްލިއަކަށް މިސްރާބު ބަދަލުކޮށްލުމުން އުޅަނދަށް އެރި ލޮޅުމެއްގައި ކަމަށެވެ.