ލައިފްސްޓައިލް

ދަރިއަކު ހޯދަން ވިސްނުމުގެ ކުރިން ޒިކާ ވައިރަސް ދެނެގަތުން މުހިންމު!

އީޑީސް މަދިރީގެ ޒަރިއްޔާ އިން ޖެހޭ އެންމެ ނުރައްކާތެރި ބައްޔަކީ ޑެންގީހުން ކަމަށް ވެދާނެ އެވެ. އެކަމަކު ޑެންގީ އަށް ވުރެ މާ ބިރުވެރި ވައިރަސްއެއް އީޑީސް މަދިރީގެ ސަބަބުން މި ވަނީ ދުނިޔޭގައި އާންމުވެފަ އެވެ. ޒިކާ ވައިރަސް އެވެ.

އެހެންވީމަ ޒިކާ ވައިރަސް އަކީ ކޮބައިތޯ އާއި މިހާ ބިރުވެރި ވައިރަހަކަށް އަދި ވަކިން ހާއްސަކޮށް ބަލިވެ އިންނަ އަންހެން މީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވާ ވަރުގެ ވައިހަރަކަށް ޒިކާވެފައިވަނީ ކީއްވެގެންތޯ ވެސް ބަލައިލުން ވަރަށް މުހިންމެވެ.

ޒިކާ ވައިރަސްގެ ނުރައްކާ ދެކުނު އެމެރިކާގެ އިން ފަހަނަޅައި ގޮސް މުޅި ދުނިޔެ އަށް ވެރިވެގަނެފައިވާއިރު މިއީ މީގެ ބަލިމަޑުކަމެއްގެ ދަށަށް ދުނިޔެ ގެންދިޔަ ފުރަތަމަ ފަހަރު ވެސްމެ އެވެ.

މިއީ ކިހިނެތް ފެތުރޭ ވައިރަހެއް؟

އީޑިސް މަދިރީގެ ޒަރިއްޔާ އިންނެވެ. ވައިރަސް އަރާފައިވާ މީހެއްގެ ގައިގައި އޭގެ މަދިރިއެއް ހަފައި ލޭ ބުއިމުމަށް ފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހަފައިފި ނަމަ އެ މީހެއްގެ ގަޔަށް ވައިރަސް އަރާނެ އެވެ.

އީޑިސް މަދިރި އަކީ ޑެންގީގެ އިތުރުން ޗިކުންގުންޏާ ވެސް ފަތުރާ މަދިރި އެވެ. މެލޭރިއާ ޖައްސާ މަދިރިއާ ހިލާފަށް އީޑިސް މަދިރި އަކީ ރޭނގަނޑު އޭގެ ޝީކާރައަށް ނުކުމެ އުޅޭ ނިކަން ނުރައްކާތެރި ސޫތްޕެކެވެ.

އޭޝިއާ އަކީ މަދިރި އާލާވުމުގެ ފުރުސަތުގެ ބޮޑު މާހައުލަކަށްވާއިރު ސައިންސްވެރިން ވަނީ ދެކުނު އެމެރިކާގައި ފެތުރެމުންދާ ޒިކާ ވައިރަސްގެ ބަލިމަނޑުކަމަށް ވުރެ ބޮޑު ނުރައްކަލެއް އޭޝިއާގެ ގައުމުތަކަށް އެބައޮތް ކަމަށެވެ. ވަކިން ހާއްސަކޮށް ދެކުނު އޭޝިއާ އާއި އިރުމަތީގެ އޭޝިއާ ގައުމުތަކަށެވެ. މި ހިސާބަކީ މިހާރު ވެސް ޑެންގީ އާއި ޗިގުންގުންޔާގެ ނުރައްކަލަށް ވެސް ވަރަށް ބަލިކަށި ހިސާބެކެވެ.

އީޑިސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް ކަމުގައި މިހާތަނަށް ޒިކާ ވައިރަސް ގަބޫލުކުރެވިފައިވީ ނަމަވެސް ޖިންސީގުޅުން ވެސް ޒިކާ ވައިރަސް ވަނީ މި ހަފުތާގައި މީހެއްގެ ގަޔަށް އަރައިފަ އެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

ޒިކާ ވައިރަސް ޖެހިގެން މަރުވުމުގެ ފުރުސަތު ހަގީގަތުގައި ކުޑަ އެވެ. މިސާލަކަށް ޒިކާ ވައިރަސް އާއި ޑެންގީ އަށް ބަލާއިރު ފުރާނައަށް ގެއްލުންވުމުގެ ނުރައްކާ ޑެންގީގައި މާ ބޮޑެވެ. ޒިކާ އަކީ މުޅިން ތަފާތު ވައިރަހެކެވެ. އެހެން ނަމަވެސް ޑެންގީ ފަދަ ހުމެއްގެ އަލާމާތްތަކާ މާ ބޮޑު ތަފާތެއް ވެސް ނެތެވެ.

- އާދައިގެ ވަރަކަށް ހުންއައިސްފައި ހުރުން
- ލޯ ދުޅަވުން ނުވަތަ ރަތްވެފައި ހުރުން
- ގަދަ އަށް ބޮލުގައި ރިއްސުން
- ހުޅުހުޅުގައި ރިއްސުން
- ގައިގައި ފިއްގަނޑުނަގައި ފާރުވެފައިހުރުން

މި އަލާމާތްތައް ފެނި އެންމެފަހުން ޒިކާ ވައިރަސް އަށް ޕޮޒިޓިވްވިޔަސް ބަލިން ފަސޭހަކުރުމަށް ދެވޭނެ ވެކްސިނެއް ނުވަތަ އަވަސް ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނެތެވެ. ސިއްހީ މާހިރުންގެ އެންމެ ބޮޑު ނަސޭހަތަކީ ޒިކާގެ އަލާމާތްތަކެއް ފެންނަން ފަށައިފި ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެކި ބުއިން އިތުރުކުރުމެވެ.

ބަނޑުގައި އޮންނަން ދަރިފުޅަށް ނުރައްކާވަނީ ކިހިނެތް؟

ވައިރަސްގެ އަސަރުކޮށްފައި ހުންނަ މާބަނޑު އަންހެން މީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ޒިކާ ވައިރަސްގެ ސަބަބުން އައިބުވާ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވިޔަސް މިއީ ސީދާ އޭގެ ހެކި މިހާތަނަށް ހޯދިފައިވާ ބުނުމެއް ނޫނެވެ. ނަމަވެސް ސައިންސްވެރިންނަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޒިކާ ވައިރަސްގެ ކޭސްތަކުގައި މަރުވެފައިވާ ކުޑަކުދިންގެ ސިކުނޑިން މި ވައިރަސްގެ އަސަރު ފެނިފައިވެ އެވެ. އަދި ޕްލެސެންޓާ އާއި އެމްނިއޯޓިކް ފްލުއިޑް އިން ވެސް ވައިރަސް ފެނިފައިވެ އެވެ.

މި ސަބަބާ ހެދި ސައިންސްވެރިން ބުނަމުން ދަނީ ކުޑަކުދިންނަށް ދިމާވާ ސިއްހީ މައްސަލައެއްކަމުގައިވާ މައިކްރޯސެފަލީ އަކީ ޒިކާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވެދާނެ ކަމަށެވެ. މައިކްރޯސެފަލީ ޖެހުމުން ކުޑަކުއްޖާގެ ސިކުނޑި ބޮޑުވުން ހުއްޓި ސިކުނޑި އާއި ބޯ ނިކަން ބޮޑަށް އައިބުވެ އެވެ.

މައިކްރޯސެފަލީގެ ނުރައްކާ ބިނާވަނީ އޭގެ އަސަރު ކުއްޖާގެ ސިކުނޑިއަށް ކުރާ ގޮތަކަށެވެ. މިސާލަކަށް ހަށިގަނޑުގެ ދިރުން ހިފެހެއްޓުމަށް އަދާކުރަން ޖެހޭ ޒިންމާތައް ނެގޭ ފެންވަރަކަށް ސިކުނޑި ތަރައްގީވެފައިނުވާއިރު ދަރިފުޅު މަރުވުމުގެ ފުރުސަތު ބޮޑެވެ.

މިއީ ރުބެއްލާގެ ސަބަބުން ވެސް ކުޑަކުދިންނަށް ދިމާވާ މައްސަލައެކެވެ. އަދި މާބަނޑު ދުވަސްވަރު މައިމީހާ މަސްތުވާތަކެތި ބޭނުންކުރުމަކީ ވެސް ބަނޑުގައި އޮންނަ ކުއްޖާ އަށް މައިކްރޯސެފަލީ ޖެހިދާނެ ސަބަބެކެވެ. މީގެ އިތުރުން ޖެނެޓިކް އައިބެއްގެ ސަބަބުން ވެސް މިހެން މެދުވެރިވެދާނެ އެވެ.

ވައިރަސް އިން ސަލާމަތްވާން ކިހާ ދުވަހެއް ނަގާފާނެ؟

ޒިކާ ވައިރަސްގެ ނުރައްކާ އާދަޔާހިލާފަށް ބޮޑުވުމާ ގުޅިގެން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން ވަނީ ކުރިއަށް ދެ އަހަރެއްހާ ދުވަހު ކުދިން ނުހޯދުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. މި ވައިރަސްގެ ސަބަބުން ކުޑަކުދިން އައިބުމުގެ ފުރުސަތު އޮތީމަ އާއި ވެކްސިނެއް އަދި ބަލިމަޑުކަމަށް އަވަސް ހައްލެއް ހޯދޭނެ މަގެއް ވެސް ނެތީމަ އެވެ.

އެހެންވީމަ ބަލިޖެހޭ މީހާގެ ހަށިގަނޑުން ޒިކާ ވައިރަސް ފިލައިގެންދާން ނަގާނީ ކިހާ ދުވަހެއް ހެއްޔެވެ؟ މިއީ މުހިންމު ސުވާލެކެވެ. ސަބަބަކީ ޑޮކްޓަރުން ބުނަނީ ޒިކާ ވައިރަހުން ސަލާމަތްވުމަށް ފަހު ބަލިވެއިންނަ އަންހެން މީހާގެ ދަރިފުޅަށް ނުރައްކާ ކުޑަ ކަމަށެވެ.

ލަފާކުރެވޭ ގޮތުން ޒިކާ ވައިރަސް ހަށިގަނޑަށް އަރާފައިވާކަން ޓެސްޓްތަކުން އެނގެން މަދުވެގެން 12 ދުވަސް ނަގަ އެވެ. މިސާލަކަށް މި ވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ބްރެޒިލް އަށް މީހަކު ކުރި ދަތުރެއްގެ އެންމެ ފަހު ދުވަހު އޭނާގެ ގަޔަށް ވައިރަސް އެރި ނަމަވެސް އޭގެ އަލާމާތްތައް އެމީހެއްގެ ގައިން ފެނުމަށް 12 ދުވަސް ނަގައިފާނެ އެވެ.

ކުއްޖަކު ހޯދުމަށް ވިސްނާ ނަމަ މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ޕީރިއަޑެކެވެ.

ޒިކާ ވައިރަސް ހަށިގަނޑުން ފެނުމަށް ފަހު ފަރުވާ ދީގެން އެ ވައިރަސް އެއްކޮށް ފޮޅާލުމަށް މަދުވެގެން 21 ދުވަސް ނަގަ އެވެ. މިއީ ވައިރަސްގެ ހުރިހާ އަސަރެއް ހަށިގަނޑުން ދުއްވާލުމަށް ނަގާ ދުވަހުގެ އަދެވެ. މި 21 ދުވަހަށް ފަހު ބަލިވެއިނދެފި ނަމަ ބަނޑުގައި އުފެދޭ ކުއްޖާ އަށް ޒިކާގެ ބިރުވެރިކަމެއް ނެތެވެ.

ސިއްހީ ތަޖުރިބާކާރުން

ޒިކާ ވައިރަސް އަށް 69 އަހަރު

މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާ މި ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ 1947 ވަނަ އަހަރު އެފްރިކާގެ ގައުމެއް ކަމުގައިވާ ޔުގެންޑާ އިންނެވެ. ވައިރަސް ފެނުނީ ރާމާމަކުނުންނެވެ.

އިންސާނެއްގެ ގަޔަށް އެންމެ ފުރަތަމަ މި ވައިރަސް އެރި ކަމަށް ރިކޯޑްކުރެވިފައި ވަނީ ނައިޖީރިއާ އިން 1954 ވަނަ އަހަރު އެވެ. އެއަށް ފަހު އެފްރިކާގެ އެހެން ގައުމުތަކުގަ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި ޕެސިފިކްގެ ޖަޒީރާ ރަށްތަކުގައި ވެސް ބަލި ފެތުރުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު މި ވައިރަސް ބްރެޒިލް އިން ރިޕޯޓްކުރިފަހުން އޭގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިންވަރަށް މީގެ ކުރިއަކުން ޒިކާ ވައިރަސްގެ ނުރައްކާ ބޮޑުވެފައެއް ނުވެ އެވެ.

ޒިކާ ވައިރަސްގެ ބިރުވެރިކަމެއް ކުރިން ދުނިޔޭގައި ނެތީ ވެސް މި ވައިރަސް މީގެ ކުރިން އެހާ އާންމުވެފައިނުވާތީ އެވެ.

ބްރެޒިލް އަށް ފަހު ވައިރަސް ފެތުރެނީ ކޮން ގައުމުތަކެއްގައި؟

ސިއްހީ ތަޖުރިބާކާރުން ބުނަނީ މިއީ މިދިޔަ އަހަރު ދުނިޔެ ބިރުގަންނުވާލި އެބޯލާ ވައިރަހަށް ވުރެ ވެސް ނުރައްކާބޮޑު ބަލިމަޑުކަމަކަށް ވެދާނެ ކަމަށެވެ.

ބްރެޒިލްގައި ޒިކާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މި ޖެނުއަރީ މަހުގެ ނިޔަލަށް 1.5 މިލިއަނަށް އަރާއިރު ކޮލަމްބިއާ އިން ވެސް 20،000 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.

ޒިކާ ވައިރަސްގެ ނުރައްކާ މިވަގުތަށް އެންމެ ބޮޑުވެގެން އުޅެނީ ދެކުނު އެމެރިކާގަ އެވެ. އެއަށް ފަހު ކެރީބިއަންގެ ރަށްތަކުގައި ވެސް ވައިރަސް ދަނީ ފެތުރެމުންނެވެ.

ދެކުނު އެމެރިކާގެ ބޮޑެތި ހުރިހާ ގައުމަކަށް ވައިރަސް އަރާފައިވާއިރު ޒިކާ ވައިރަސް މިހާރު ވަނީ އެމެރިކާ އާއ ޔޫރަޕުން ވެސް ފެނިފަ އެވެ.