ފިނިޕޭޖް

ރަޔާންގެ ހިއްސާ އޮތް މިންޓް މޯބައިލް ވިއްކާލައިފި

އެމެރިކާގައި ދެވަނައަށް އެންމެ ބޮޑު ނެޓްވޯކް، ޓީ-މޮބައިލް އިން އެކްޓަރު އަދި އޮންޓަޕްރޮނޯއާ ރަޔާން ރެނޯލްޑްސްގެ މިންޓް މޮބައިލް 1.35 ބިލިއަން ޑޮލަރަށް ގަނެފި އެވެ.

ޓީ-މޯބައިލްއާ އެކު ހެދި ޑީލްގެ ތެރޭގައި ރަޔާން، މިންޓް މޯބައިލްގައި އަދާކުރަމުންދާ ކްރިއޭޓިވް ރޯލް ދެމެހެއްޓުން ހިމެނެ އެވެ. މިންޓް މޯބައިލްގައި ރަޔާންގެ ގާތް ގަނޑަކަށް 25 އިން ސައްތަ ހިއްސާވެ އެވެ.

ޓީ-މޯބައިލްއާ އެކު ނެރުނު ބަޔާނެއްގައި ރަޔާން ބުނީ މިންޓް މޯބައިލް އަކީ ވަޔާލެސްކޮށް އެންމެ ރަނގަޅު ޑީލް ދޭ ނެޓްވޯކް ކަމަށާއި ޓީ-މޯބައިލްއާ ގުޅުމުން މިންޓް މޯބައިލް އިން ކަސްޓަމަރުންނަށް ދެމުން ގެންދާ ހިދުމަތް މިހާރަށް ވުރެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.

ރަޔާން ބުނީ މިންޓްގެ ޓީމާމެދު ފަހުރުވެރިވާ ކަމަށާއި ކުރިއަށް އޮތް ކަންތައްތަކަށް އެކްސައިޓްވާ ކަމަށެވެ.

މާވެލްގެ "ޑެޑްޕޫލް"ގެ ރޯލް އަދާކުރަމުންދާ 46 އަހަރުގެ ރަޔާންގެ ޕްރޮޑަކްޝަން ކުންފުނި މެކްސިމަމް އެފަޓް އިން ރަޔާން ކްރިއޭޓިވް ފަރާތުގައި ހުރެގެން "ޑެޑް ޕޫލް 2"، "ފްރީ ގާއި" ފަދަ ފިލްމާއި އިޝްތިހާރު ފަދަ ކޮންޓެންޓް ޕްރޮޑިއުސް ކުރަމުންދެ އެވެ.

ޓީ-މޯބައިލްއާ މިންޓް މޯބައިލްގެ މި ޑީލް އާ ބެހޭ ހެއްވާ އިޝްތިހާރެއްވެސް މެކްސިމަމް އެފަޓްއިން ހަދާފައިވެ އެވެ.

ރަޔާން އަކީ ސީރިއަސް މޫނަކާއެކު އޯޑިއަންސް ހިނި އަންނަ ޒާތަށް ވާހަކަ ދައްކާ އެކްޓަރެކެވެ. އަދި ރަޔާންގެ ގިނަ އިޝްތިހާރުތައްވެސް ހުންނަނީ މިޒާތަށް ހެއްވާކޮށް ހަދާފަ އެވެ.

މީގެ އިތުރުން ރޮބް މެކްއެލްހެނީ އާއެކު ރަޔާން، ވޭލްސްގެ ރެކްސްހެމް ފުޓްބޯލް ކްލަބްގެ ހިއްސާ ގަނެފައިވާއިރު، ފަބްޓީވީ ފަދަ އިތުރު ވިޔަފާރިތަކުގައި އިންވެސްޓް ކުރުމުގައި ރަޔާން ހަރަކާތްތެރި ވަމުންދެ އެވެ.

ރަޔާން 2020 ގައި އޭނާގެ އޭވިއޭޝަން ޖިން، 610 މިލިއަން ޑޮލަރަށް ޑިއާޖިއޯ އަށް ވަނީ ވިއްކާލާފަ އެވެ. އެ ކުންފުނި ވިއްކާލި ނަމަވެސް، ރަޔާންގެ ހިއްސާ އެ ކުންފުނީގައި ދަމަހައްޓާފައިވެ އެވެ.