ފިނިޕޭޖް

ޝެއިލީން ވުޑްލީގެ އާ ފިލްމުގައި ގާތިލެއް ހޯދަނީ

"ޑައިވާޖަންޓް"ގެ ޝެއިލީން ވުޑްލީގެ އާ ފިލްމު "ޓޫ ކެޗް އަ ކިލާ"ގެ ޓްރޭލާ ނެރެފި އެވެ.

މި ތްރިލާގެ ޓްރޭލާއިން ފެންނަނީ ގާތިލަކު މީހުން މަރަމުން ދާތީ ޕޮލިހުންނާއި އެފްބީއައި އޭނާ ހޯދައި، އަތުލައި ގަތުމަށް މަސައްކަތް ކުރަމުންދާ ތަނެވެ.

ޝެއިލީންގެ ކެރެކްޓާ އެލެނާ އަކީ އެފްބީއައި އަށް ވަންނަން ވަރަށް މަސައްކަތްކޮށް ސައިކޮލޮޖިކަލް އިވެލުއޭޝަންއާ ހެދި ނުވަދެވިފައިވާ ޕޮލިސް އޮފިސަރެކެވެ. އެލެނާގެ ނަފްސާނީ މައްސަލަތަކެއް ހުރެ އެވެ. އެފްބީއައި އިން މައްސަލަ ތަހުގީގުކުރަން ހަވާލުވެހުރި ޗީފް އިންވެސްޓިގޭޓާ ޖެފްރީ ލެމާކް، ޝެއިލީންގެ އެހީތެރިކަން ހޯދައެވެ. އިތުރު މީހުން މެރުމުގެ ކުރިން އެ ވިސްނުން ތޫނު ގާތިލު ހޯދުމަށް މަސައްކަތްކުރެއެވެ.

ޑެމިއަން ޒިފްރޯން ޑައިރެކްޓްކުރި މި ފިލްމުގައި ޖެފްރީގެ ރޯލް އަދާކުރަނީ ބެން މެންޑެލްސޯން އެވެ. މީގެ އިތުރުން ޖޮވާން އެޑޭޕޯ އާއި ރޭފް އިނެސަން ވެސް މި ފިލްމުގައި ހިމެނެއެވެ. މިއީ "ވައިލްޑް ޓޭލްސް" ޑައިރެކްޓްކުރި ޑެމިއަން އިނގިރޭސި ބަހުން ހަދާ ފުރަތަމަ ފިލްމެވެ.

މި ފިލްމް ރިލީޒްކުރަނީ އަންނަ މަހު 21 ވަނަ ދުވަހު އެވެ.