އެސްޓީއޯ

އެސްޓީއޯ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވައިފި

Mar 17, 2023

އެސްޓީއޯ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު"ގެ ނަމުގައި މިއަދު ފިހާރައެ އެވެ.

ފިހާރަ ކުރިމަތީގައި މިއަދު އޮތް ހަފްލާއެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވަވަނަ ފްލެޓްގައި ހުޅުވާފައިވާ މި ފިހާރައިން އެސްޓީއޯ އިން ވިއްކާ މުދާ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ލިބެ އެވެ. ވަކިން ހާއްސަކޮށް ރޯދައަށް އެސްޓީއޯ އިން ރާއްޖެ އެތެރެކޮށްފައިވާ ފިޔާ، އަލުވި އަދި ބިސް ވެސް މި ފިހާރައިން ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ ވިނަރެސް ފްލެޓެއްގެ ތިރީގައި މި ފިހާރަ ހުޅުވަން ނިންމީ ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ އެއްވެސް ފިހާރައެއް ހުޅުވާފައި ނެތުމުން ރައްޔިތުންގެ ޝަކުވާ ލިބޭތީއާއި ރައްޔިތުންނަށް ވީހާވެސް ރަނގަޅު އަގެއްގައި މުދާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ކުރިން ހުއްޓެވެ. މި ފިހާރަ މީގެދުވަސްކޮޅެއް ކުރިން މަރާމާތަށް ވަނީ ބަންދުކޮށްފަ އެވެ.

ފުރަތަމަ ފިޔަވަހީގައި މަރާމާތު ކުރާ އެސްޓީއޯގެ ފިހާރަ ދެން ހުޅުވާ ހިދުމަތްދޭއިރު ސޭލްސްމަނުންނާއި ކޭޝިއަރުން ނުތިބޭނެ އެވެ. މިފިހާރަ ވެގެންދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ހިދުމަތްދޭ ފުރަތަމަ ފިހާރައަށެވެ.