އަންހެނުން

ނޭނގި ނަމަވެސް ތި ދެވެނީ ވަރިއާއި ދިމާލަށް!

ކައިވެނި ކުރަނީ ލޯބިން އެކީގައި މުޅި އުމުރު ވޭތުކޮށްލާށެވެ. ނަމަވެސް ދިރިއުޅުމުގެ ކަނޑު ތެރެއަށް ނުކުންނަނީ އެއްވެސް ތަޖުރިބާ އެއް ނެތި ކަމުން އުއްމީދު ގެއްލި މިސްރާބު އޮޔަށް ވަޔަށް ދޫކޮށްލެވޭ ފަހަރު އާދެ އެވެ. މިއީ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ކުރެވޭ ކަންތަކެވެ. ކައިވެންޏެއްގައި ނިމުނުގެ ސިއްކަ ޖެހެނީ ގިނަ ފަހަރަށް ދެމީހުންގެ ވެސް އިހުމާލުންނެވެ. ނަމަވެސް އެކަކުގެ އިހުމާލު އޮންނަ ފަހަރުވެސް މަދެއް ނޫނެވެ.

ނޭނގި ނަމަވެސް ކުރެވޭ ކުދި ކުދި ކަންކަމުން ނިމުމަކަށް އައިސްފައިވަނީ ކިތައް ދިރިއުޅުން ކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިކަންކަން ކުރާނަމަ ހަމަ ގައިމުވެސް މިސްރާބު ތިހުރީ ވަރި އާއި ދިމާލަށެވެ.

1. ފިރިމީހާ އަށް ލިބޭ މިންވަރަށް ޝުކުރު ވެރިނުވުން

އަންހެނުންނަކީ ރީތި އެއްޗެއްސަށް ހިތްކިޔާ ބައެކެވެ. އެހާ ވަރަށް ފައިސާ ނުލިބުނަސް އަގުބޮޑު ތަކެތި ގެންގުޅެން ބޭނުންވާ ބައެކެވެ. އެހެން ކަމުން ފިރިމީހާގެ ގާތުގައި ޝަކުވާ ކުރެވޭ ފަހަރު އާދެ އެވެ. ރީތި މޮޅު އަދި އަގުބޮޑު ފޯނު ބޭނުންވެގެން ބުނީމަ ފިރިމީހާ އަށް އެ ނުހޯދައިދެވުމަކީ މައްސަލަ އެއް ނޫނެވެ. ފިރި މީހާ އަށް ލިބުނު މިންވަރަކުން ހަރަދުކޮށް އެ މިންވަރަށް ޝުކުރު ކުރާނަމަ ފިރިމީހާ ތިބ ާދެކެ ވާ ލޯބިވެސް އިތުރުވާނެ އެވެ.

2. ގޯސްކޮށް ވިސްނުން

ފިރިމީހާ އާއި ދޭތެރޭ ގޯސްކޮށް ނުވިސްނާށެވެ. ދިރިއުޅުމުގެ ކަންކަން ނިންމާއިރު ފިރިމީހާ ދޭ ހިޔާލު ކަމުނުދިޔަ ނަމަވެސް ބަލައި ގަންނާށެވެ. އެއްވެސް ވިސްނުމެއް ނެތޭ ނުވަތަ "ތިމަންނަ އާއި ދެތޭރޭ ނުވިސްނަ" އޭ ފަދަ ބަސްތައް ނުބުނާށެވެ. އަދި ގެއަށް އައިސް ވަންނަ އިރަށް ޝަކުވާ ފުންޏެއް އޮއްސައި ނުލާށެވެ.

3. އެހެން ކަންތައް އިސްކުރުން

ވަޒީފާ، ރައްޓެހިން އަދި އަމިއްލަ ހުނަރުތައް ފަދަ ހުރިހާ ކަމެއް ފިރިމީހާ އަށްވުރެ އިސް ނުކުރާށެވެ. އެއްމެ ފަހަތަށް ފިރިމީހާ އަންނަ ނަމަ އޭނާ އަކީ ބޭކާރު މީހެކޭ އޭނާ އަށް ވިސްނޭނެ އެވެ. ތިމާގެ ކައިރީގައި އޭނާގެ އަގެއް ނެތް ކަމަށް އިހުސާސްވެ ތިމާ އާއި ދުރުވެދާނެ އެވެ.

4. ދުރު ދުރުން ވާހަކަ ނުދެއްކުން

ބުނަން ބޭނުންވާ އެއްޗެއް ސީދަލަށް ބުނާށެވެ. ދުރުދުރުން ވާހަކަ ގެންދަން އުޅޭނަމަ ފިރިމީހާ އަށް ނުބައި ގޮތަކަށް ވިސްނިދާނެ އެވެ. ފިރިހެނުންނަށް މާނަ ފުންކޮށް ވާހަކަ ދައްކައިގެން އެއްޗެއް ފަހުމުވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެން ވީމަ ވީހާވެސް ތިލަކޮށް ވާހަކަ ދައްކާށެވެ. އަދި އޭނާ ދައްކާ ވާހަކަ އަޑުއެހުމަކީވެސް މުހިއްމު ކަމެކެވެ.