ބޮލީވުޑް

އިންޑިޔާ އަންހެނުން ކަންނެތޭ ބުނެގެން ސޮނާލީ ހޫނުފެނަށް

އިންޑިއާ އަންހެނުންނަކީ ވަރަށް ކަންނެތް ބަޔެއްކަމަށް ބުނެގެން ބަތަލާ ސޮނާލީ ކުލްކަރްނީ ދެކެ ވަރަށް ގިނަ ބަޔަކު ރުޅި އައިސް ސޯޝަލް މީޑިއާގައި އޭނާއާ ދެކޮޅަށް އަޑުއުފުލަމުން އެބަ ދެއެވެ.

ސޮނާލީ ބުނީ އިންޑިއާ އަންހެނުންނަކީ ވަރަށް ކަންނެތް ބައްޔެއް ކަމަށާއި އެމީހުންގެ ފިރިހެން ނުވަތަ ލޯބިވެރިންގެ އަތުން ފައިސާ އާއި ހާއްސަ އިނާޔަތްތައް ހޯދައިގެން އެމީހުން ދިރިއުޅޭ ކަމަށެވެ.

ބުޕެންދުރަ ސިންގް ރާތޯރު ކިޔާ ނޫސްވެރިއަކަށް ދިން އިންޓަވިއު އެއްގައި ސޮނާލީ ބުނީ އިންޑިއާ އަންހެނުންނަކީ ވަރަށް ހަރުކަށި އެހާމެ ޑިމާންޑްތައް ބޮޑު ބައެއް ކަމަށާއި އޭނާގެ ބޭބެމެންނާއި ފިރިމީހާ އަދި އެނޫންވެސް ފިރިހެނުން ވަރަށް ޅައިރުއްސުރެ ފައިސާ ހޯދަން ބުރަ މަސައްކަތްކުރާތަން ފެނިފައި އޭނާ އަށް ރޮވޭވަރު ވާ ކަމަށެވެ.

"އިންޑިއާގެ ގިނަ އަންހެނުން އަހަރެން ބުނާނީ ވަރަށް ކަންނެތޭ. އެމީހުން ބޭނުންވާނީ މުއްސަނދި ފިރިން ނުވަތަ ލޯބިވެރިން. ގެދޮރު ހުންނަން ޖެހޭނެ އެމީހުންގެ. އަދި އަހަރުން އަހަރަށް ލިބޭ އާމްދަނީ އިތުރުވާނެކަމުގެ ޔަގީންކަން އޮންނަ ވަޒީފާތަކުގައިއުޅޭ ފިރިހެނުން ބޭނުންވާނީ. ހުރިހާ އަންހެނުންނަށް ވެސް އަހަރެން ކުރާ އިލްތިމާސަކީ އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ ހޯދަން އުޅޭށޭ. އޭރުން ގޭގެ ޚަރަދު ބަރަދު ބެލެހެއްޓުމުގައި ވެސް ފަސޭހަވާނޭ،" ސޮނާލީ ބުންޏެވެ.

ސޮނާލީގެ މި އިންޓަވިއުގެ ވީޑީއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މީހުންތައް ރުޅިއައިސްގެން ކެކިގަތެވެ. އަދި ސޮނާލީ އާ ދިމާލަށް ވަރަށް ހަޑި ހުތުރުބަހުން ބައެއް މީހުން މުހާތަބުކޮށްފައި ވެއެވެ.

އޭނާ ދެކެ ރުޅީއައިސްގެން ކޮމެންޓުކުރި މީހުން ބުނީ އަންހެނަކަށް ވެ ހުރެ އަންހެނުންނާ ދިމާލަށް މިފަދަ މަލާމާތްތައް ކުރީތީ ހައިރާން ވެއްޖެ ކަމަށެވެ.

އެންމެ މަޖާ ކަމަކީ ކޮމެންޓުކުރި ގިނަ ފިރިހެނުންނަށް ސޮނާލީ ދެއްކި ވާހަކަތައް ކަމުދިޔަ ކަމެވެ. އަމިތު ސްރިވާސްތާ ކިޔާ މީހަކު ބުނީ ސޮނާލީގެ ހިތްވަރަށް އޭނާ ސާބަސްދޭ ކަމަށެވެ. މިކަހަލަ ހަގީގަތެއް ހާމަކޮށްލަން ކެރޭނީ ވަރަށް މަދު އަންހެނަކަށް ކަން އޭނާ ފާހަގަ ކުރި އެވެ.

"މިޝަން ކަޝްމީރު" އަދި "ދިލް ޗާހްތާ ހޭ"ގެ ބަތަލާ ސޮނާލީ އަށް ފާޑުކީ ބައެއް އަންހެނުން ބުނީ އެމީހުން އުމުރުން 20 އަހަރު ނުފުރެނީސް މަސައްކަތް ކޮށްގެން ފައިސާ ހޯދަން ފަށައިފި ކަމަށެވެ. އަދި މިއީ އިންޑިއާގެ 80 ޕަސެންޓް އަންހެނުން ދިރިއުޅޭ ގޮތް ކަމަށާއި ގޭގައި ފިރިމީހާގެ ލާރި ތަޅާ ބުރުވަން ތިބެނީ ވަރަށް މަދު އަންހެނެއް ކަމަށެވެ.