ދުނިޔެ

ޕޫޓިން ކްރައިމިއާގައި، ރަޝިއާއާ ގުޅުނު ފަހުން 9 އަހަރު ފުރުން ފާހަގަ ކުރައްވަނީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ކްރައިމިއާއަށް ވަޑައިގެން ސެވާސްޓޮޕޯލްއަށް ޒިޔާރަތް ކުރައްވައިފި އެވެ. އެއީ ރަޝީއާގެ ބާރުގެ ދަށުގައި ކްރައިމިއާ އޮންނަތާ ނުވަ އަހަރު ފުރުން ފާހަގަކުރެއްވުމަށެވެ.

ކްރައިމިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސެވާސްޓޮޕޯލްއަށް ޕޫޓިން ވަޑައިގެން އާޓް ސްކޫލެއް ވެސް ވަނީ ހުޅުއްވައި ދެއްވާފަ އެވެ. ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އިޖުތިމާއީ ބައްދަލުވުން ތަކެއްގައި ވެސް ޕޫޓިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕޫޓިން ވެރިރަށް މޮސްކޯ ދޫކުރައްވައި ކްރައިމިއާއަށް ވަޑައިގެން އުޅުއްވާއިރު އެ މަނިކުފާނު ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އޮތީ އަމުރެއް ނެރެފަ އެވެ. އެހެންނަމަވެސް މި އަމުރުގެ ސަބަބުން މި ފަދައިން އެ މަނިކުފާން ކުރައްވާ އެއްވެސް ދަތުރަކަށް ހުރަހެއް ނޯންނާނެ އެވެ.

ސެވާސްޓޮޕޯލް އާއި އަދި ކްރައިމިއާގެ ދެން އޮތް ބަޔަކީ ވެސް، ބައިނަލްއަގްވާމީ ގާނޫނު ބުނާ ގޮތުން ޔުކްރޭންގެ ސަރަހައްދުތަކެކެވެ. އެހެންނަމަވެސް، މި ސަރަހައްދުތައް މިހާރު އޮންނަނީ ރަޝިއާގެ ބެލެނިވެރިކަމުގެ ދަށުގަ އެެވެ. ހިންގަނީ ރަޝިއާގެ ގާނޫނެވެ.

ކްރައިމިއާގައި އަދި ހާއްސަކޮށް ސެވާސްޓޮޕޯލްގައި ގިނައީ ރަޝިއާ މީހުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެ ސަރައްދުގައި ހިނގަންޖެނީ ރަޝިއާގެ ގާނޫނެވެ. ފެބްރުއަރީ 2014 ގައި ޔުކްރޭންގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކަށްފަހު އުފެއްދި އިދާރާތައް، ސެވާސްޓޮޕޯލްގައި ދިރުއުޅޭ އާންމުން ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

ކްރައިމިއާ އާއި ސެވާސްޓޮޕޯލްއިން މާޗް 11، 2014 ގައި މިނިވަންވުމަށް ގޮވާލި އެވެ. އަދި މާޗް 16، 2014 ގައި އާންމު އިންތިހާބެއް ބޭއްވި އެވެ. އެއީ ޔުކްރޭންގެ މައި ސަރުކާރުން ވަކިވެ ރަޝިއާއާ ގުޅެން ފެނޭތޯ ބެލުމަށެވެ.

ވޯޓުގެ ނަތީޖާއިން ދެއްކީ ކްރައިމީއާގެ 96.77 ޕަސެންޓް މީހުން ރަޝިއާއާ ގުޅެން އެދޭ ކަމަށެވެ. އަދި 95.6 ޕަސެންޓް ސެވާސްޓޮޕޯލް މީހުން ވެސް ބުރަވީ ރަޝިއާ ގުޅުމަށެވެ. މިއުސޫލުން އެކުލަވާލި މުއާހަދާގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ސޮއިކުރެއްވީ މާޗް 18، 2014 ގައެވެ.