ސީރިޔާ

ރަޝިއާއިން ވަނީ ސީރިއާގެ 1400 އާންމުން މަރާލާފައި: މޮނިޓާ ގުރޫޕް

ރަޝިއާއިން ސީރިއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި 1400 އެއްހާ އާންމުން މަރާލާފައިވާ ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާކުރާ ގުރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މި ގުރޫޕުގެ މެންބަރުންނާ ހަވާލީ، ގުރޫޕުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މީގެ ހަތަރު މަސް ކުރިން ރަޝިއާއިން ސީރިއަށް ބޮން އަޅަން ފެށި ފަހުން އެ ގައުމުގެ 1400 އާންމުން މަރުވެފައިވެ އެވެ. އަދި އެމީހުން މަރުވެފައިވަނީ ރަޝިއާގެ ވައިގެ ހަމަލާތަކުގައި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރަޝިއާގެ ހަމަލާތަކުގައި 1400 އެއްހާ އާންމުން މަރުވެފައިވާ ކަމަށް އެ ގުރޫޕުން ބުނާއިރު މި ހަމަލާތަކުގައި 965 އަށްވުރެ ގިނަ އައިއެސްގެ ހަނގުރާމަވެރިން ވެސް މަރުވެފައިވާ ކަމަށް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެ އެވެ.

އައިއެސްގެ ހަނގުރާމެވެރިންގެ އިތުރުން ސީރިއާގައި ހަރަކާތްތެރިވާ އެހެން ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވެސް މަރުވެފައިވާ ކަމަށް ގުރޫޕުން ނުރުނު ރިޕޯޓްގައިވެ އެވެ. އެގޮތުން އެހެން ޖަމާއަތްތަކަށް ނިސްބަތްވާ 1233 އެއްހާ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ސީރިއާގެ ސަރުކާރަށް ވާގިވެރިވާ ރަޝިއާއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަނގުރާމަވެރިންނަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އައިއެސް ޖަމާއަތް ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.