ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް އިސްލާމްއާބާދުގެ ކޯޓަކުން ނެރުނު އަމުރު ބާތިލުކޮށްފި އެވެ. ސަބަބަކީ އިމްރާން ހައްޔަރުކުރަން ފުލުހުން ކުރި އެއްވެސް މަސައްކަތެއް -- ސަޕޯޓަރުންނާ ހެދި ކާމިޔާބު ނުވުމެވެ.
އިމްރާން ހާން ހައްޔަރުކުރަން، ލާހޫރުގައި ހުންނަ އިމްރާންގެ ގަނޑުވަރަށް ފުލުހުން ކޯޓު އަމުރު ހިފައިގެން ދިޔައިރު މުޅި ސަރަހައްދު އޮތީ ސަޕޯޓަރުން ބަންދުކޮށްފަ އެވެ. އެހެންކަމުން ފުލުހުންނަށް އިމްރާންވީ ތަނެއް ވެސް އޮޅުންފިލާ ގޮތެއް ނުވި އެވެ.
ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހިނގައިދިޔަ ކުރިމަތިލުންތައް މުޅި ޕާކިސްތާނަށް ފެތުރި އާބާދި ބޮޑު އަވަށްތަކުގައި މަގުތައް ބަންދުކޮށް އެއްގަމު އުޅަދުތައްވަނީ ހުއްޓުވާފަ އެވެ. އިޖުތިމާއީ މައިދާންތަކާއި ސްކޫލްތައް ބަންދުކުރާ ހިސާބަށްވެސް ކަންތައް އޮތީ ގޯސްވެފަ އެވެ.
މި ފަދަ ހާލަތެއްގައި އިމްރާން ހައްޔަރުކުރުމަކީ ޝަރުއީ އިދާރާތަކަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ޕާކިސްތާންގެ ރައީސް އާރިފް އަލްވީ ވެސް ވަނީ ވިދާލުވެފަ އެވެ.
އާރިފް އަލްވީ ވިދާޅުވި ގޮތުގައި އިމްރާން ހައްޔަރުކުރަން ފުލުހުން ކުރާ އެއްވެސް މަސައްކަތަކުން އިމްރާނަށް ގެއްލުމެއް ލިބިގެން ނުވާނެ އެވެ. އިމްރާނަށް ގެެއްލުމެއް ލިބިއްޖެ ނަމަ އެއީ ޕާކިސްތާނަށް ފޫނުބެއްދޭނެ ގެއްލުމަކަށް ވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަޕޯޓަރުން ދުރަށް ޖެއްސުމަށްޓަކައި ފެންބަޑި އާއި ކަރުނަ ގޭސް ޖެހުމަކުން ވެސް ފުލުހުންނަށް އަލިމަގެއް ނުފެނުނެވެ. އޭގެ ބަދަލުގައި އާންމުގެ ފަރާތުން ފުލުހުންނަށް ބޮޑެތި ގެއްލުތައް ކުރިމަތިވެ ޖާނަށް ބިރުން ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ.
ފުލުހުންނަށް ލިބިފައި އޮތް ކޯޓު އަމުރަކަށް އިމްރާން ހައްޔަރުކުރަނީ ބޮޑުވަޒީރުގެ މަގާމުގައި އިމްރާން ހުންނެވިއިރު ހަދިޔާގެ ގޮތުގައި އެކި ގައުމުތަކުން ލިބިވަޑައިގެންނެވި ތަކެތި ސަރުކާރުގެ ޚަޒާނާއިން އުނިވެފައިވާ މައްސަލާގަ އެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިމްރާން ވަނީ ހަދިޔާތައް ބޭނުންކުރައްވައި މާލީ ފައިދާ ހޯއްދަވާފަ އެވެ. އެހެން ނަަމަވެސް، އިމްރާންގެ ސަޕޯޓަރުން ބުނަނީ އިމްރާން ހައްޔަރުކުރަން އުޅެނީ ސިޔާސީ ބޭނުމަކަށް -- ކުރިއަށް އޮތް އިންތިހާބުގައި ވާދަކޮށްފާނެ ކަމަށް ބިރުން ކަމަށެވެ. އިމްރާން ވާދަކޮށްފިނަމަ، ޕާކިސްތާންގައި މިހާރު އޮތް ސަރުކާރަށް ވެރިކަން ނުލިބޭނެ ކަމަށްވެސް ސަޕޯޓަރުން ބުނެ އެވެ.
އިސްލާމްއަބާދު ކޯޓުން އިމްރާން މި ވަގުތު ހައްޔަރުނުކުރަން ނިންމީ މަސްލަހަތަށް ބަލާފަ އެވެ. އަދި ކޯޓު އަމުރަށް އިމްރާން ޚާން އިހްތިރާމް ކުރެއްވި ކަމަށް ވެސް ވަނީ ކޯޓުން ނިންމާފަ އެވެ. އެހެން ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ކޯޓަށާއި ފަނޑިޔާރުންނަށް އޮތް ބިރާ ހެދި އަމުރު ބާތިލުކުރީ އެވެ.
ސަޕޯޓަރުން ވަނީ ކޯޓަށް ގާއުކައި ދައުލަތުގެ މުދަލަށް ވެސް ގެއްލުންދީފަ އެވެ. ކޯޓުން އެންމެ ފަހުން ނިންމީ އިމްރާން ކޯޓަށް ވަޑައިގެންނެވި ކަމަށް -- އެކަމަކު ޝަރީއަތް ކުރިއަށް ނުގެންދެވުނީ ކަމަށެވެ.