އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން ޔުނީފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. އަދި ސްކޫލުން މިހާރު ވަނީ އެ އެންގުން ތަންފީޒުކުރަން ފަށާފަ އެވެ.
އަވަސްއަށް ބައެއް ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެ އެވެ.
ސްކޫލު ޔުނީފޯމުގައި ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރަން ބެލެނިވެރިންނަށް އަންގައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެންގީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.
މިނިސްޓްރީގެ އެންގުން ތަންފީޒުކުރުމުގެ ގޮތުން ސްކޫލުން ވަނީ މޫނު ބުރުގާ އަޅާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބައްދަލުކޮށް މިނިސްޓްރީގެ އެންގުން ބުނެދީފަ އެވެ.
އަވަސްއާ މިއަދު ވާހަކަދެއްކެވި ބެލެނިވެރިޔަކު ސިފަކުރި ގޮތުގައި މޫނު ބުރުގާ ނަގަން އެންގުމަކީ ދަރިވަރުންނަށް ބިރުދެއްކުމާއި އެކު ކިޔެވުން ހުއްޓުވުމެވެ.
"އަޅުގަނޑަކަށް މިނިސްޓްރީގެ އެންގުން ބަލައެއް ނުގަނެވޭ. އިތުރު ގޮތެއް ވެސް މިއަކު އޮތީކީވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ ސްކޫލުގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ހެދުން، ސްކާޓް، ބުރުގާ އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމު ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީގެ އެހީގައި ރާއްޖޭގައި އުފައްދާ ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ކޮންމެވެސް މައްސަލައެއް އަބަދުވެސް ފެންމަތިވެފައި އޮވެ އެވެ. މިފަހުން އެންމެ ބޮޑަށް ހޫނުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވާނެ އިމާރާތެއްގެ މައްސަލަ އެވެ. މިހާރުވެސް ދަރިވަރުން ކިޔަވަނީ ވަގުތީ އިމާރާތެއްގަ އެވެ.