ސިވިލްސާވިސް ކޮމިޝަން

ސީއެސްއައިޓީގެ ފުރަތަމަ ސެމެސްޓާ ކޯސްތައް ފަށައިފި

Feb 1, 2016
1

ސަތޭކަ ވިހި ބައިވެރިންނާއެކު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއައިއެސްޓީ) ގެ މިއަހަރުގެ ފުރަތަމަ ސެމެސްޓާ ކޯސްތައް ފަށައިފި އެވެ. މިއަހަރުގެ ފުތަރަމަ ސެމެސްޓާގައި ފަސް ދާއިރާއަކުން ކޯސް އިއުލާނުކޮށްފައިވެ އެވެ.

ސީއެސްޓީއައި ގެ މިއަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ހިދުމަތް ހޯދާ ފަރާތްތައް ތައުރީފުކުރާ ފެންވަރަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނީ މުވައްޒަފުންގެ އިލްމީ ގާބިލުކަން އަހަރުން އަހަރަށް އިތުރުކޮށްގެން ކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ އިލްމީ ގާބިލުކަން އިތުރުކުރުމަށް ހުޅުވާލެވޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމަޔަށް ހިފުމަށް ނަސޭހަތްތެރިވެލެއްވި އެވެ.

ސީއެސްޓީއައި އިން މިއަހަރު އިއުލާނުކުރި ކޯސްތައް:

  • ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް
  • އެގްޒެކެޓިވް ސެޓްފިކެޓް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް
  • އިންގްލިޝް އަޕްގްރޭޑް ފޮ އެގްޒެކެޓިވްސް
  • ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން
  • ސެޓްފިކެޓް 3 އިން ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަން

ސީއެސްޓީއައި އިން ބުނީ، ފުރަތަމަ ސެމެސްޓާގައި އިއުލާނުކުރި ޑިޕްލޮމާ ކޯހަށް ބައިވެރިން ހޮވުމުގައި ވަޒީފާގައި ގިނަ ދުވަސްވީ މުވައްޒަފުންނަށް ބަލާފައިވާނެ ކަމަށެވެ. އަދި ބައިވެރިންނަށް ޖާގަ ދިނުމުގައި އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާއަށް ވެސް ބަލާފައިވާނެ ކަމަށެވެ.

ސީއެސްޓީއައި އުފެދުނީ 2009 ވަނަ އަހަރު އެވެ. ނަމަވެސް ދިގު މުއްދަތުގެ ކޯސްތައް އެ އިންސްޓިޓިއުޝަނުން ހިންގަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. ސީއެސްޓީއައި އަކީ ސިވިލް ސާވިސްގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، އިލްމީ ގާބިލުކަން އިތުރުކުރުމަށް ފަންނީ ތަޖުރިބާ އާއި ދިގު އަދި ކުރު މުއްދަތުގެ ކޯސްތައް ހިންގާ މުއައްސަސާއެކެވެ.