ވިޔަފާރި

އުރީދޫން މޮބައިލް ޓީވީގެ ހިދުމަތް ފޯނުތަކަށް ދޫކޮށްފި

Jan 24, 2015

އުރީދޫ އާއި ޕްލޭ ކާސްޓް މޯލްޑިވްސް ގުޅިގެން މޮބައިލް ޓީވީގެ ހިދުމަތް ފޯނުތަކަށް މިއަދު ދޫކޮށްފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ ކޮމާޝަލް ޑިރެކްޓަރު އެސްޕީ ސަރަތީ ވިދާޅުވީ މޮބައިލް ޓީވީގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ޓެސްޓްތަކެއް ކުރުމަށް މިއަދު ދޫކުރި މި ހިދުމަތް އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ހިލޭ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ ފުރަތަމަ ފަހަރަށް މި ގެނެސްދެނީ ނެކްސްޓް ޖެނެރޭޝަން މޮބައިލް ޑިވައިސްތައް. މިހާރު އެންމެ މަގުބޫލު ޓީވީ ޝޯތަކާއި ހަބަރުތައް ކޮންމެ ތާކުން ހުރެ ވެސް ވަގުތުން ބަލާލެވޭނެ،" ސަރަތީ ވިދާޅުވި އެވެ.

އުރީދޫން މިއަދު ދޫކުރި މޮބައިލް ޓީވީގެ ހިދުމަތް ހޯދުމަށް "ގޯ ޖެހުމަށްފަހު 5577" އަށް މެސެޖު ކުރުމުން ލިންކެއް ލިބެ އެވެ. އަދި އެ ލިންކަށް ފިއްތާލުމުން މޮބައިލް ފޯނުތަކުން ޓީވީ ވަގުތުން ލިބެ އެވެ. މި ހިދުމަތް ދެނީ ދާދިފަހުން މޮބައިލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ޕްލޭ ކާސްޓް މޯލްޑިވްސްއާ ގުޅިގެންނެވެ. 

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު ވިދާޅުވީ އުރީދޫ ކަސްޓަމަރުންނަށް މި ވަގުތު ހަ ޗެނަލެއް ލިބޭނެ ކަމަށެވެ.

"މި ވަގުތު ލިބެނީ ޓީވީއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ހަ ލޯކަލް ޗެނަލެއް. ނަމަވެސް މަސައްކަތް ކުރަމުން މި ދަނީ ހުރިހާ ލޯކަލް ޗެނަލްތަކެއް ހޯދުމަށް. ލޯކަލް ޗެނަލްތަކުގެ އިތުރުން ބޭރުގެ 32 ޗެނަލެއްވެސް ވަރަށް އަވަހަށް ދޫކުރާނަން،" ފަޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ މި ހިދުމަތް ދިނުމަށް ހާއްސަ ޕެކޭޖުތަކެއް ފަހުން ތައާރަފުކުރާނެ ކަމަށެވެ. އަދި މިހާރު މި ހިދުމަތް އެ ކުންފުނީގެ ކަސްޓަމަރުންނަށް ތްރީޖީ ޕްލަސް އާއި ފޯޖީ ނެޓްވޯކުން ލިބޭނެ ކަމަށެވެ.