ލައިފްސްޓައިލް

ޕްރޮފެސަރެއް ކަނޑު އަޑީގައި ވަރުގަދަ ސިއްހީ ދިރާސާއެއްގައި

ކަނޑު އަޑީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެމެރިކާގެ ޕްރޮފެސަރަކު 100 އަށް ވުރެ ގިނަ ދުވަސް ކަނޑުއަޑީގައި ހޭދަ ކުރައްވަން ނިންމަވައިފި އެވެ.

ޖޯ ޑިޓުރީ އަކީ ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާގެ ޕްރޮފެސަރެކެވެ. މި އާދަޔާޚިލާފު އެކްސްޕެރިމެންޓް އޭނާ ފައްޓާފައިވަނީ މި މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ.

ޑރ. ޑީޕް ސީ ގެ ނަމުން މަޝްހޫރުވެފައިވާ ޕްރޮފެސަރު ޑިޓުރީ އޭނާ ތިން މަސް ވަންދެން ދިރިއުޅޭ ތަނެއްގެ ގޮތުގައި ކަނޑުގެ އަޑި ހިޔާރުކުރީ ބައޮލޮޖީ ސްޓަޑީއެއް ހެދުމަށެވެ. މިއީ މިހާތަނަށް އެއްވެސް މީހަކު ކޮށްފައިވާ ނުވާ ވަރަށް ތަފާތު ދިރާސާ އެކެވެ.

ބައޯމެޑިކަލް އިންޖިނިއަރިންގްގެ ރޮނގުން ޕީއެޗްޑީ ހާސިލުކޮށްފައިވާ ޑރ. ޑިޓުރީ ކަނޑު އަޑީގައި މި ހޭދަކުރައްވާ ދުވަސްތަކުގެ ތެރޭގައި ކުރައްވާ ދިރާސާގެ ތެރޭގައި އިންސާނުންނަށް ޖެހޭ ތަފާތު ބަލިތައް މެޑިކަލް ޓެކްނޮލޮޖީގެ އެހީގައި ހުއްޓުވިދާނެތޯ ޓެސްޓްކުރައްވާނެ އެވެ.

ފްލޮރިޑާ ޔުނިވަސިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑރ. ޑިޓުރީ 100 ދުވަސް ވަންދެން ހުންނަވާނީ ކަނޑުގެ 30 ފޫޓު ފުނުގައި ކަމަށެވެ.

ކުރިން ޔޫއެސް ނޭވީ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި ރިޓަޔާ ކުރައްވާފައިވާ ޕްރޮފެސަރު މިފަހަރު މި ހައްދަވަނީ "ނެޕްޓޫން 100"ގެ ނަމުން ނަން ދީފައިވާ އެކްސްޕެރިމެންޓެކެވެ.

އަދި އެންމެ ގިނަ ވަގުތު ފެނުގެ އަޑީގައި ހުރި މީހާގެ ދުނިޔޭގެ ރެކޯޑް ވެސް މިފަހަރު ޑރ. ޑިޓުރީ މުގުރާލަން ވަނީ ހަމަޖެހިފައެވެ.

ޔުނިވަސިޓީގެ ޕްރެސް ރިލީޒްގައި ބުނެފައިވާ ގޮތުގައި ޑރ. ޑިޓްރީ އަކީ ސައިކޮލޮޖިސްޓެއް އަދި ސައިކޭޓްރިސްޓެއް ވެސް މެއެވެ. އޭނާ މިފަހަރު މި ހައްދަވާ އެކްސްޕެރިމެންޓަކީ ޖައްވަށް ދިއުމާ އެއްފަދަ ތަޖުރިބާއަކަށް ވާތީ މިފަދަ މާހައުލެއްގައި އޭނާގެ އަމިއްލަ ނަފްސަށް ކުރެވޭ އިހްސާސްތައް ޑރ. ޑިޓްރީ ބައްލަވާނެ އެވެ.

މިހާތަނަށް އެއްވެސް މީހަކަށް މިހާ ގިނަ ދުވަސް ކަނޑުއަޑީގައި ހޭދަ ކުރެވިފައި ނުވާތީ ޑރ. ޑިޓުރީގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރަމުންގެންދާ ކަމަށް ޔުނިވަސިޓީން ބުނެފައިވެއެވެ.

"މި ސްޓަޑީގައި އަހަރެމެން ބަލާ ކަންތަކުގެ ތެރޭގައި މި ދަތުރުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ހުރިހާ ގޮތަކުން ކުރާ އަސަރުތައް ބެލުން ހިމެނޭ. އަހަރެންނަށް ހީވަނީ ހަށިގަނޑަށް ޕްރެޝާ އިތުރުވުމުގެ ސަބަބުން އަހަރެންގެ ސިއްހަތު އިތުރަށް ރަނގަޅުވާނީހެން. އަހަންނަށް ހީވަނީ މި ދިރާސާ ނިންމާލާއިރު އަހަރެން ހުންނާނީ 'ސުޕަހިއުމަން' އަކަށް ވެފައިހެން،" ޕްރޮފެސަރު ވިދާޅުވެފައި ވެއެވެ.