މޯލްޑިވްސް ޕޮލިސް ސާވިސް

ފައިހް ފޮރުވައިގެން އުޅޭ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު (25އ) ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި އެވެ.

މި ފަސް މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ.

މި ފަސް މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ދެ މީހުން ދޫކޮށްލާ އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ފައިހް ނިޒާމު ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މަހު 15 ގައެވެ. އެހެންކަމުން އޭނާ ހޯދަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

ފުލުހުން ބުނީ ފައިހް ހޯދަމުންދަނީ ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި ފައިހްއަށް ތުހުމަތުކުރާ މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި މައްސަލައެއްގެ ތަހުގީގަށެވެ.

ފުލުހުން ވަނީ ފައިހްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.