ލައިފްސްޓައިލް

އާފަލު ކެއުމުގެ ކުރިން ބޭރުގައިވާ ވެކްސް ފަށަލަ ނަގަންތަ؟

ސުޕަމާކެޓްތަކުގައި މޭވާތައް ވިއްކަން އަތުރާލާފައި ހުންނައިރު ބަލާލަން ވަރަށް ރީތިވެފައި ތާޒާ އެވެ. ހުރިހާ މޭވާއެއްގައި ވެސް އާދަޔާޚިލާފު ރީތި ކުލައަކާއި ދަޅައެއް ހުރެ އެވެ. މިގޮތަށް ފިހާރަތަކުގައި ވިއްކަން ހުންނަ މޭވާގައި މާރީތި ދަޅައެއް ހުރިނަމަ ވިސްނާލަން ޖެހޭނެ އެވެ. މިއީ އާދައިގެ ދަޅައެއް ނޫނެވެ. ޚާއްސަކޮށް އާފަލު ކަހަލަ މޭވާގައި މާރީތި ވިދުމެއް ހުރިނަމަ އެއީ އޭގެ ބޭރު ތޮށީގައި ހާކާފައި ހުރި ވެކްސް ފަށަލައަކުން އަރާ އޮފެކެވެ.

މިއީ ވަރަށް ގިނަ މީހުންނަށް މިހާރު އެނގިފައި އޮންނަ ކަމެކެވެ. ނަމަވެސް މިކަން ފުރަތަމަ ފަހަރަށް އެނގޭ މީހުންނަށް މިއީ ވަރަށް ބިރުގަންނަ ކަމަކަށް ވާނެ އެވެ.

އާފަލު ފަދަ މޭވާތަކުގައި ވެކްސްގެ ފަށަލައެއް ދުއްވުމުގެ ދެ ބޭނުމެއް އޮވެ އެވެ. އެ މޭވާތައް ބަލާލަން ރީތިވުމާއި ގިނަ ދުވަހު ހަލާކުނުވެ ހުރުމަށް އެހީތެރިވުމެވެ. ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ވެކްސް ކެވިއްޖެނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މޭވާގެ ބޭރުގައި ހުންނަ ވެކްސް ފަށަލަ އަކީ ހަމަ ހަގީގަތުގައި ވެސް ހަށިގަނޑަށް ގެއްލުންހުރި އެއްޗެއް ހެއްޔެވެ؟

ހަގީގަތުގައި ކޮންމެ މޭވާއެއްގައި ވެސް ނެޗުރަލް ވެކްސް ފަށަލައެއް ލެވިފައި ހުރެ އެވެ. އެއީ އެ މޭވާގެ ސަލާމަތަށް ލެވިފައިވާ އެއްޗެކެވެ. މި ވެކްސް ފަށަލައިގެ ސަބަބުން މައިކްރޯއޯގަނިޒަމްސް އަށް އެ މޭވާއެއްގެ ތެރެއަށް ވަނުމަށް ހުރަހަކަށް ވެއެވެ. އަދި މޭވާގެ އެތެރޭގައި ހުންނަ ތެތްކަން ނުވަތަ ފެން ބޭރަށް ނުނިކުމެ ހަރުލާފައި ހުރެ އެވެ.

ކޮންމެ މޭވާއެއްގެ ވެސް 80-95 ޕަސެންޓަކީ ފެނެވެ. އެހެންކަމުން އޭގެ ބޭރު ތޮށީގައި ގުދުރަތީ ގޮތުން ލެވިފައިވާ ވެކްސް ފަށަލަ ނެތްނަމަ ވަރަށް އަވަހަށް އެ މޭވާއެއް ހަލާކުވާނެ އެވެ.

އާފަލު ކަހަލަ މޭވާތައް ބިނދެގެން ވިއްކަން ގްރޯސަރީ ސްޓޯރުތަކަށް ގެންދިއުމުގެ ކުރިން ރީތިކޮށް ދޮންނާނެ އެވެ. އޭގެ ބޭރުގައިވާ ކިލައާއި ނެޗުރަލް އަދި ސިންތެޓިކް ޕެސްޓިސައިޑްސް ނައްތާލުމަށެވެ. މިގޮތަށް ދޮވުމުން މޭވާގެ ބޭރުގައިވާ ދިފާއީ ފަށަލަ ނެތިގެން ދެއެވެ. އާފަލުގައި މުޅިން އާ ވެކްސް ފަށަލައެއް ލަނީ މިހެންވެގެންނެވެ.

މިގޮތަށް ވެކްސް ފަށަލައެއް ލުމުން އެ މޭވާއެއް ހަލާކުނުވެ ހުންނަ މުއްދަތު އިތުރުވެގެންދެ އެވެ. ދުރު ގައުމުތަކަށް މި ތަކެތި ފޮނުވާއިރު މިއީ ވަރަށް މުހިއްމު ކަމެކެވެ. މި ވެކްސްގެ ސަބަބުން މޭވާއިން ރީތި ދަޅައެއް އަޅަ އެވެ. ކޮންމެ މީހަކަށްވެސް އެ މޭވާ ފެނުމުން ގަނެލާހިތްވާ ކަހަލަ ރީތި ދަޅައެކެވެ.

އާފަލު ފަދަ މޭވާގެ ބޭރު ތޮށީގައި ވެކްސް ފަށަލައެއް ލުމަށްޓަކައި ތަފާތު ވައްތަރުގެ ވެކްސް ބޭނުން ކުރެވެ އެވެ. އެންމެ އާއްމުކޮށް ބޭނުންކުރަނީ ކަނައުބާ ވެކްސް އެވެ. މި ވެކްސް ނަގަނީ ބްރެޒީލްގެ ޕާމް ޓްރީސް (އެކި ކަހަލަ ރުއް ރުކުގެ) ފަނުންނެވެ. އަދި ކެންޑެލީލާ ވެކްސް ވެސް ބައެއް މޭވާގައި ބޭނުންކުރެ އެވެ. މި ވެކްސް ނަގަނީ މެކްސިކޯ އާއި އެމެރިކާގެ ބައެއް ހިސާބުތަކުގެ ޖަންގަލީގައި ހުންނަ ގަސް ތަކަކުންނެވެ.

ވެކްސް ތަކެއްގެ ތެރެއަށް މޭވާ ކޮއްޕާލައިގެން ވެސް އޭގެ ބޭރުގައި ވެކްސް ހާކަ އެވެ. ނަމަވެސް އާއްމުކޮށް ހުންނަނީ ސްޕްރޭ ކޮށްފަ އެވެ. މި ވެކްސް ސްޕްރޭ ކުރުމުގެ ކުރިން ވަރަށް ބޮޑަށް ފެނަށް ގިރުވަ އެވެ.

ވެކްސް އަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ހެއްޔެވެ؟ އެ ކެވިއްޖެނަމަ ކެންސަރު ފަދަ ބަލިތައް ޖެހިދާނެ ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ވެސް މެއެވެ. އެހެންވެ ބައެއް މީހުން އާފަލު ކެއުމުގެ ކުރިން ވަޅިއަކުން އޭގެ ބޭރު ތޮށީގައިވާ ވެކްސް ކަހާލަ އެވެ. އަނެއް ބަޔަކު ބޭކިން ސޮޑާ ފަދަ އެއްޗެއް އަޅައިގެން ބޭރު އުނގުޅާ ދޮވުމަށްފަހު ކައެވެ. އަނެއް ބަޔަކު އާފަލުގެ ތޮށި މުޅީން މަށައިގެން ބޭނުން ކުރެ އެވެ. ނަމަވެސް އާފަލުގެ ތޮއްޓަކީ އޭގެ އެންމެ ފައިދާ ހުރި ބައެވެ. ވީމާ އެ ބައި އެއްލާލީމަ އާފަލުން ލިބެންވާ ފައިދާއެއް ނުލިބޭނެ އެވެ.

މިކަމާ ބެހޭ ހޯދުންތައް ހޯދުމަށްފަހު ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އާފަލު ފަދަ މޭވާތަކުގެ ބޭރުގައި ލެވިފައިވާ ވެކްސް ފަށަލަ އަކީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބޭ އެއްޗެއް ނޫނެވެ. އެ ހަށިގަނޑަށް ވަނުމަށްފަހު ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑުން ބޭރުވެގެން ދާނެ އެވެ. ނަމަވެސް ވެކްސް ފަށަލައިގައި ޕެސްޓިސައިޑް ފަދަ އެއްޗެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ މޭވާ ކެއުމުގެ ކުރިން ވީހާވެސް ރަނގަޅަކަށް އެ ދޮވެލުމަކީ އެންމެ ރަނގަޅު ގޮތެވެ.