ތަރުކާރީ އާއި މޭވާ އަދި އެކި ވައްތަރުގެ ފަތްތައް ތާޒާކޮށް ބެހެއްޓުމަށް އެ ތަކެތި ވިއްކާ މީހުން ތަފާތު ކެމިކަލްތައް ބޭނުންކުރާ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. އެންމެ ދެރަ ކަމަކީ މިގޮތަށް ކެމިކަލް ފެނުން ދޮވެފައި ހުންނަނީ ކޮން ކޮން އެއްޗިއްސެއްކަން ވަކިކުރަން ނޭނގޭތީ އެވެ.
މިހާރު އިންޓަނެޓުގައި ވައިރަލްވެގެން އުޅޭ އެއް ވީޑިއޯ އަކީ މިފަދަ ވީޑީއޯ އެކެވެ. މި ވީޑިއޯގައި ފެންނަނީ ކޮރިއަންޑާ (ކޮތަންބިރި) ފަތްތަކެއް ތާޒާކޮށް ބެހެއްޓުމަށްޓަކައި އެ ފަތްތައް ކެމިކަލް އަޅާފައި ހުރި ފެނަކަށް ގަންބާފައި ނަގާ ބަހައްޓާ ތަނެވެ.
މި ފަތްތައް އެ ފެން ބާލިދީއަށް ލީއިރު ހުރީ ވަރަށް މޯޅިވެފައި ނަމަވެސް އެ ފެންގަނޑަށް ލާފައި ނަގާ ބެހެއްޓުމާއެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލުން ތާޒާވެ އެވެ.
މި ވީޑީއޯ ޓުވިޓާގައި ޝެއާ ކުރީ އިންޑިއާގެ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ އަނިލް ތަޑާނީ އެވެ.
މިއީ އިންޑިއާގެ ރަށެއްގެ މަގެއް މަތީގައި ފަތް ވިއްކަން ހުރި މީހެއްގެ އަމަލުތައް ހުރި ގޮތުގެ ވީޑީއޯއެއް ނަމަވެސް މި ފަދަ އެއްޗެތި ވިއްކާ ވަރަށް ގިނަ މީހުން މިގޮތަށް އަމަލުކުރާ ކަމަށް ވީޑީއޯ އަށް ކޮމެންޓްކުރި މީހުން ބުނެފައިވެ އެވެ.
ވީޑިއޯ ބަލާފައި ބައެއް މީހުން ކޮށްފައި ހުރި ކޮމެންޓްތަކުގައި ބުނެފައިވަނީ މިގޮތަށް ކެމިކަލުން ފަތްތައް ތަޣައްޔަރުކުރާއިރު މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ހުދު އެމީހުންނަށް ވެސް ނޭނގޭ ކަމަށެވެ.
"އެހެންވެގެން ކެންސަރު ހޮސްޕިޓަލް ތަކާއި މެޑިކަލް ޝޮޕްތައް އެހާ ގިނަ ކުރަން މިހާރު ޖެހެނީ. ސިއްހަތަށް މީގެން ކުރާނެ ނުރައްކާ މި މީހުންނަށް އެއްގޮތަކަށް ވެސް އިހްސާސެއް ނުވޭ،" މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
ނަމަވެސް މިކަމަށް ތާއީދުކުރި މީހުން ވެސް މަދުން ނަމަވެސް ކޮމެންޓް ކޮށްފައި ހުއްޓެވެ. އެމީހުން ބުނެފައިވަނީ އެމީހާ ފަތްތައް ލީ ބާލިދީގައި ހުރި ފެނުގައިވާ ކެމިކަލަކީ އިންސާނުންގެ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް ނޫން ކަމަށެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ދިގު ބަހުސްތައްކޮށް ޚިޔާލު ފާޅުކޮށްފައި ވެއެވެ.