ދުނިޔެ

ރަޝިއާގެ ޖެޓްތަކުން އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް ހުރަސްއަޅައިފި

ރަޝިއާގެ ފައިޓަރު ޖެޓްތަކުން އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް ހުރަށްއަޅައިފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ބީ52އެޗް މަރުކާގެ ދެ ބޯޓަކަށް ހުރަސްއަޅަން ޖެހުނީ ބޯލްޓިކް ކަނޑު ހުރަސްކޮށް ރަޝިއާއާ މާގާތްވުމުންނެވެ.

ރަޝިއާގެ ޓާސް ނޫހުން ބުނީ އެމެރިކާގެ ބޮންއަޅާ ބޯޓުތައް ދަތުރުކުރަމުން ދިޔަ ގޮތް ރަޝިއާގެ އަސްކަރީ ރާޑަރުތަކުން ބެލި ކަމަށެވެ. އަދި އެ ބޯޓުތަކުގެ މިސްރާބު ބަދަލުނުކޮށް ރަޝިގެ ބޯޑަރާ ގާތަށް ޖެހުމުން ފައިޓަރު ޖެޓްތައް ފޮނުވައި، ބޮންއަޅާ ބޯޓުތައް ފައްސާލީ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާގެ ބޯޑަރު ތެރެއަށް އެމެރިކާގެ ބޮންއަޅާ ބޯޓުތައް ވަދެގަތްނަމަ ރައްދު ހަމަލާ ދޭން ޖެހުނީސް ކަމަށެވެ. އެކަމަކު އެއީ މަސްރަހު މިހާރު އޮތް ގޮތުން އަމަލުކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން ރަޝިއާގެ ބޯޑަރަށް ވަދެފައި ނުވާ ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އަދި ރަޝިއާގެ ޖެޓްތަކުން ވެސް އެމެރިކާގެ ބޯޓުތަކަށް ހުރަސްއެޅީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައި އޮންނަ އުސޫލުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔުކްރޭން ހަނގުރާމައަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ރަޝިއާ އާއި އެމެރިކާގެ ސީދާ ކުރިމަތިލުންތައް މިފަހުން ދަނީ ތޭތެރެ ދޭތެރެއިން ތިލަވަމުންނެވެ.

އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ރަޝިއާގެ ޖެޓްތަކުން ތެޔޮ ބުރުވައި ހުރަސްއެޅުމުގެ ސަބަބުން އެ ޑްރޯން ވަނީ ކަޅު ކަނޑަށް ވެއްޓިފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެމެރިކާ ކިޔައިދޭ ވާހަކަ އާއި ރަޝިއާ ކިޔައިދޭ ވާހަކަ ދިމައެއް ނުވެ އެވެ. ކޮންމެ ބަަޔަކު ވެސް ކަމޭ ހިތަނީ އެ މީހުން ދެކޭ ގޮތަށެވެ.

އަނެއްކޮޅުން އެމެރިކާ އަޑީގައި އޮވެގެން ޔޫރަޕްގެ ގައުމުތައް ލައްވައި ޔުކްރޭނަށް ޖެޓްތައް ފޮނުވުމަކީ ވެސް ރަޝިއާއަށް ޕްރެޝަރުކުރަން ކުރާ ކަމެކެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ފޮނުވާ ޖެޓްތައް އުދުއްސާކަށް ނުކެރޭނެ އެވެ. އަދި ބިމުގައި ހުންނަ ތަނަކަށް ހަމަލާ ދިނުމަށް ވުރެ ވައިގެ ތެރޭގައި އޮންނަ އެއްޗަކަށް ހަމަލާދޭން ފަސޭހަވާނެ ކަމަށެވެ.