މީހުން

މުސްލިމު އިލްމުވެރިޔާ ޖަލާލުއްދީން ރޫމީ

ޖަލާލުއްދީން ރޫމީ ސިފައާއި އެއްގޮތް ކުރެހުމެއް
50%
50%
0%

ޖަލާލުއްދީން އިބްނު މުހައްމަދު އިބްނު ހުސައިން އަލް ރޫމީ އުފަންވެވަޑައިގެންފައިވަނީ މީލާދީގޮތުން 1207 ގައި ބަލްޚްގަ އެވެ. މިޒަމާނުގެ ގޮތުން އެއީ އަފްއާނިސްތާނަށް ނިސްބަތްވާ ތަނެކެވެ.

ރޫމީގެ ބައްޕާފުޅު ބަހާއުއްދީން އަކީ ދީނީ އިލްމުވެރިއެކެވެ. އޭނާގެ ބެލުމުގެ ދަށުން ރޫމީ އަށް ކިޔަވައިދެއްވީ ސައިދު ބުރުހާނުއްދީން ކިޔާ ބޭފުޅެކެވެ. އަދި އެއިގެފަހުން ޝަމްސުއްދީން އަލް ތަބްރީޒް ކިޔާ ބޭފުޅަކު އަރިހުން އުނގެނިވަޑައިގަތެވެ.

ރޫމީގެ އުމުރުން 18 އަހަރުގައި އޭނާގެ އާއިލާ އާއިއެކު ތުރުކީގެ ކޮންޔާ އަށް ހިޖުރަކޮށް އަދި އުމުރުން 25 އަހަރުގައި ސީރިއާގެ އާލެއްޕޯ އަށް އަދި އެއިގެފަހުން ދިމިޝްގަށް އިތުރަށް އުނގެނުމަށްޓަކައި ދަތުރުކުރެއްވި އެވެ.

ރޫމީގެ އުމުރުފުޅުން 40 އަހަރު ވަންދެން އުނގެނުމުގައި ހޭދަކުރެއްވި އެވެ. އޭނާގެ ބައްޕާފުޅަކީ ކޮންޔާގެ މަޝްހޫރު މަދަރުސާގެ ޕްރޮފެސަރަކެވެ. ފަހުން ރޫމީވެސް ވަނީ ހަމަ އެލަގަބް ކޮންޔާގެ އެމަދަރުސާގައި ހޯއްދަވާފަ އެވެ.

ރޫމީ މަޝްހޫރުވެވަޑައިގެންފައިވަނީ މިސްޓިކް އަދި ދީނީ އިލްމުގެ އިތުރުން ޕާޝީއާގައި އުފެދުނު އެންމެ މޮޅު އެއް ޅެންވެރިޔާގެ ގޮތުގަ އެވެ. އޭނާގެ މަދަރުސާގައި އެތަކެއް މީހުންނަށް އުނގަންނައިދީ އެތަނުގައި އިލްމީ ގޮތުން ތަސައްވުފް ނުވަތަ ސޫފީންގެ މައުލަވީގެ ދަރަޖަ އޭނާ އުފެއްދެވި އެވެ.

ރޫމީ އެންމެ ބޮޑު އިލްމީ މަސައްކަތްތަކެއް ކުރައްވާފައިވަނީ އިސްލާމިކް ފިލޯސޮފީ އަދި ސުންނީ ސޫފިޒަމްގެ ދާއިރާގަ އެވެ.

ރޫމީގެ މިދާއިރާތަކުގެ މަސައްކަތް ގެނެސްފައިވަނީ ރޫމީ ޅެންވެރިކަމުގެ ސިފައިގައި ލިޔުއްވި މަތްނަވީގަ އެވެ. މި ފޮތުގައި މިސްޓިކް ރޮނގުން މެޓަފިޒިކްސް އާއި އެތިކްސްގައި ނަޒަރިއްޔާތުތައް ގެނެސްފައިވެ އެވެ. ހާއްސަކޮށް ސޫފިޒަމް އާއި މާއްދީ ހަޔާތުގެ ގުޅުމުގެ މައްޗަށް ފުންކޮށް ތަހުލީލު ކުރައްވާފައިވެ އެވެ.

ރޫމީ ވަނީ އިންސާނާ ހެއްދެވި އިލާހާއި އިންސާނާއާ ދޭތެރޭގެ ގުޅުމާއި އަދި އިންސާނުންނާއި އިންސާނުންގެ އޮންނަ ގުޅުމުގެ މައްޗަށް އިލްމީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެއިތުން ރޫހާނީ ކަންކަމުގެ މައްޗަށް ފީހް މާ ފީހް ގެ ނަމުގައި ޅެންތަކެއް އެކުލެވޭ ވަރަށް މަޝްހޫރު ފޮތެއް ލިޔުއްވާފައިވެ އެވެ.

ރޫމީ ލިޔުއްވި މަތްނަވީ އެތައް ބަހަކުން ތަރުޖަމާ ކުރެވި އޭނާގެ އެ ފުން އިލްމީ މަސައްކަތުގެ މައްޗަށް އެތަކެއް ދިރާސާތަކެއް ކޮށް އިލްމުވެރިން މިއަދުވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ސެންޓްރަލް އޭޝިއާ އާއި އިސްލާމީ ގައުމުތަކުގައި އޭނާގެ އިލްމީ މަސައްކަތަށް ހާއްސަ ގޮތެއްގައި ފިލޯސޮފީއާއި ދީނީ އަދި ސޯޝިއޮލޮޖީގެ އިލްމުވެރިންނާއި ތަފާތު އެކި ދާއިރާތަކުގެ މީހުން މިއަދާ ހަމައަށްވެސް އަންނަނީ ހަވާލާދެމުންނެވެ. އިލްމުވެރިޔާ އިގްބާލް މެން ފަދަ އެތައް ބޭފުޅުންނެއް ރޫމީގެ ފިކުރުތައް އިތުރަށް ތަރައްގީ ކޮށްފައިވެ އެވެ.

ރޫމީގެ ނަޒަރިއްޔާތަކީ މުޅި އިސްލާމީ ދުނިޔެއަށް އެއިގެ ސަބަބުން ނުފޫޒު ފޯރުވާފައިވާ ފޯރުވަމުން އަންނަ ވަރުގަދަ އިލްމީ ފިކުރުތަކެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011