ދިރާގު

ދިރާގުގެ ހިއްސާއަކަށް 7.33ރ ބެހުމަށް ނިންމައިފި

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 7.33ރ. ބެހުމަށް ފާސްކޮށްފި އެވެ.

ހިއްސާއަކަށް 7.33ރ. ބެހުމަށް ފާސްކުރީ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

އަހަރީ އާންމު ޖަލްސާގައި ނިންމީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66ރ، އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67ރ. ބެހުމަށެވެ. މިއާއެކު ހިއްސާގެ ފައިދާއަށް 557 މިލިއަން ރުފިޔާ ބަހާނެ އެވެ.

ދިރާގުގެ ހިއްސާދާރުންގެ ގޮތުގައި މިދިޔަ މަހުގެ 16 ގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުންނަށް ހިއްސާގެ ފައިދާ ބަހާނެ އެވެ.

ދިރާގުން 2021 ވަނަގެ ފައިދާއިން ހިއްސާއަކަށް 6.20ރ. ވަނީ ބަހާފަ އެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަޓެލްކޯ އެވެ. އެއީ 52 ޕަސަންޓު ހިއްސާ އެވެ. ދިރާގުގައި ދިވެހި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ އޮންނައިރު އާންމުންގެ 6.2 ޕަސަންޓު ހިއްސާ އޮވެ އެވެ.