އަބްދުއްރަހުމާން އިބްނު މުހައްމަދު ނުވަތަ މަޝްހޫރު ނަމުންނަމަ އިބްނު ޚަލްދޫން އުފަންވެވަޑައިގެންފައިވަނީ ޓިއުނީޝިއާގައި މީލާދީން 1332 ގައެވެ.
އިބްނި ހަލްދޫން ނިސްބަތްވަނީ އަރަބިކަރައިގެ ޔަމަނަށެވެ. އޭނާގެ އާއިލާ އަންދަލުސް އަށް ހިޖުރަކުރިފަހުން އެތަނުގައި މުސްލިމުން ބާރު ވެއްޓުމން ފަހުން ޓިއުނީޝިއާ އަށް ހިޖުރަކުރި އެވެ.
އިބްނު ހަލްދޫން ތައުލީމް އުނގެނިވަޑައިގަތީ ޓިއުނީޝިއާގަ އެވެ. އޭނާގެ އުމުރުން 19 އަހަރުގައި މިސްރުގެ ސުލްތާން ބަރްގޫގްގެ ހިދުމަތާ ގުޅިވަޑައިގެންނެވި އެވެ.
އިބްނު ހަލްދޫން އުނގެނިވަޑައިގަތުމަށް ފެންބޮވައިގެންފައި ހުންނެވި މިންވަރުން ސުލްތާން ބަރްގޫގްގެ ހިދުމަތުން ވަކިވެވަޑައިގެން މޮރޮކޯގެ ފާސް އަށް ވަޑައިގަތެވެ. އަދި އެދުވަސްވަރުގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ އޭނާ އެތަން ދޫކޮށް އަލްޖީރިއާގެ ގަލަތު އިބްނު ސަލަމާ އަށް ހިޖުރަކޮށް އެތަނުގައި އޭނާގެ ފުރަތަމަ ފޮތް ކަމުގައިވާ މުގައްދިމާ ލިޔަން ފެއްޓެވި އެވެ.
އޭނާ ލިޔުއްވި މި ތާރީހީ ފޮތުގެ ސަބަބުން ފިލޯސޮފަރުންނާއި ތާރީހް އިލްމުވެރިންނާއި ސޯޝިއޮލޮޖިސްޓުންގެ މެދުގައި ދާއިމީ މަގާމެއް އޭނާ އަށް ލިބިގެންދިޔަ އެވެ. އިބްނު ހަލްދޫން ވަނީ އެއިގެ ފަހުން މިސްރަށް އަނެއްކާވެސް ވަޑައިގެންފަ އެވެ. މިސްރަށް ވަޑައިގަތުމަށްފަހު އެތަނުގައި މަލަކައިތުގެ ޗީފް ޖަޖް ކަމުގެ މަގާމަށް އައްޔަން ކުރެވި އަޒްހަރު ޔުނިވަސިޓީގައި ތަގުރީރު ކުރެއްވުމުގައި އުޅުއްވި އެވެ. އެގޮތުން އިބްނު ހަލްދޫންގެ އިހްތިރާމާއި މަގުބޫލްކަން އިތުރުވެގެންގޮސްފައިވެ އެވެ.
އިބްނު ހަލްދޫންގެ އިލްމީ މަސައްކަތް ފާހަގަވެގެން ގޮސްފައިވަނީ ފިލޯސޮފީގެ އިތުރުން ސޯޝިއޮލޮޖީގެ ދާއިރާއިންނެވެ.
އިބްނު ހަލްދޫން އަކީ މިޒަމާނުގައި މި ބޭނުންކުރާ ސޯޝަލް ސައެންޓިސްޓް މިލަފްޒުގެ ފުރިހަމަ މާނައިގައި އެންމެ ފުރަތަމަ ސޯޝަލް ސައެންޓިސްޓެވެ. އިބްނު ހަލްދޫން ވަނީ މުގައްދިމާގައި އިންސާނީ ހަޟޯރަތްތައް ކުރިއަރައިގޮސް އަދި ފަހުން އެހަޟޯރަތްތައް ފަނާވެގެންދާ ސަބަބުތަކާއި އޭގެ އަސްލުތައް ފުންކޮށް ދިރާސާކުރައްވާފަ އެވެ. މީގެ ސަބަބުން ތާރީހީ އިލްމުން ދެކެމުން އައި ނަޒަރިއްޔާތުތައް ބަދަލުވެ ފެޅި ކުރިއަކީ ސޯޝިއޮލޮޖީ އެވެ.
އިބްނު ހަލްދޫންގެ ދެން އެންމެ ފާހަގަކޮށްލެވޭ އިލްމީ މަސައްކަތަކީ އޭނާ ލިޔުއްވި ކިތާބުލް އިބަރް މި ފޮތެވެ. އޭގައި އަރަބިންގެ ތާރީހާއި މުސްލިމުންގެ ވެރިންނާއި އެދުވަސްވަރުގެ ޔޫރަޕް ވެރިންނާއި ޖުވިޝް ގްރީކް ޕާޝިއަން އަދި ޔޫރަޕްގެ ތާރީހު ލޔެފައިވެ އެވެ. މީގެރޭގައި އިސްލާމީ ތާރީހާއި މިސްރުގެ ތާރީހާއި އުތުރު އެފްރިކާގެ ތާރީހް ވަކިން ހާއްސަކޮށް އެތަންތަނުގައި އުޅުނު ބާބަރުންނާއި އެކި ގަބީލާތަކުގެ މީހުންގެ ތާރީހް ގެނެސްފައިވެ އެވެ.
އިބްނު ހަލްދޫންގެ އިލްމީ މަސައްކަތުން ހިސްޓްރީ ސޯޝިއޮލޮޖީ ފިލޯސޮފީ އަދި ޕޮލިޓިކަލް ސައެންސަސްގެ ދާއިރާއަށް ބޮޑު ނުފޫޒެއް ފޯރުވި އެވެ. ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް އޭނާގެ އިލްމީ ފޮތްތައް ތަރުޖަމާކުރެވި އެއިގެ ސަބަބުން މި ދާއިރާތައް އިތުރަށް ތަރައްގީވެގެން ގޮސްފައިވެ އެވެ. މަޝްހޫރު ޕްރޮފެސަރު ގަމް ޕްލައުސް އަދި ކޮލޯސިއޯ ދެކެވަޑައިގަންނަވާ ގޮތުގައި އިބްނު ހަލްދޫންގެ މުގައްދިމާ އެއިގެ ސަތޭކަ އަހަރު ފަހުން ލިޔުނު މައްކިއަވެލީގެ ޕްރިންސަށް ވުރެ މާފުރިހަމަ އެވެ.