ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން މިއަދު ހަވީރު ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރިޔާސީ ގަނޑުވަރު -- މުލިއާގޭގަ އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެވެ.
މިއީ ރައީސް ސޯލިހްގެ އާ ކޯލިޝަންގެ ބައިވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން ކަމަށްވީ ނަމަވެސް މިބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ޕާޓީއަކުން އަދި ހާމައެއް ނުކުރެ އެވެ.
އެމްޑީޕީއާ އެކު މިވަގުތު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމާފަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި މިވަގުތު ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްއާރްއެމްގެ އިސްވެރިން މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ. އަދި އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރުންވެސް އިއްޔެ ވަނީ މަޝްވަރާކުރައްވާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.