އިނގިރޭސިވިލާތުން ޔުކްރޭނާށް ފޮނުވާ ޓޭންކްތަކާ އެކު، ބާރުދަށްކޮށްފައި ހުރި ނިއުކްލިއާ ހިމެނޭ ހަތިޔާރު ފޮނުވަން ގަސްދުކުރައްވާ ކަމަށް އިނގިރޭސި ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އެނަބަލް ގޯލްޑީ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުން ޔުކްރޭނަށް ފޮނުވަން މަޝްވަރާކުރަނީ ތަންތަން ތޮރުފައި ސުންނާފަތިކުރަށް ބޭނުންކުރާ ބާވަތްތަކުގެ ހަތިޔާރެވެ.
އިނގިރޭސިންގެ މި ވާހަކަތަކާ ގުޅިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ، ޔުކްރޭންގައި ސަލާމަތުން އެކަކު ހުއްޓަސް ރަޝިއާއާ ހަނގުރާމަކުރުން ހުއްޓައިނުލާނެ ކަމަށް ހުޅަނގުން އެބުނާ ބުނުމަކީ ހަމަ ހަގީގަތުގައި ވެސް އެ މީހުންގެ ވިސްނުންކަން ކަށަވަރުވެ ވަޑައިގެންފި ކަމަށެވެ.
"ރަޝިއާ ބަލިކުރަން އެ މީހުން އެ ތިބީ މަރުދޭން ތައްޔާރަށް،" ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން އަދި ވިދާޅުވީ ހުޅަނގުން ބޭނުންކުރާ ހަތިޔާރެއްގައި ނުވަތަ ވަޒަނެއްގައި ނިއުކްލިއާ އަސަރު ހުރިކަން ސާބިތުވެއްޖެ ނަމަ، ރަޝިއާ ދޭ ރައްދު އެއަށް ފުރެ ފުޅާވާނެ ކަމަށެވެ.
ރަޝިއާ އޮތީ ކަމެއް ކުރަން ނުކެރިންގެން ކަމަށް ހީކޮށް، ރަޝިއާގެ ފައުޖުތަކަށް ކިތަންމެ ބާރުދަށް ނިއުކްލިއާ ހަތިޔާރަކުން ހަމަލާދިން ނަމަވެސް، ފުރިހަމަ ބާރުގައި ރަޝިއާ ޖަވާބުދޭނެކަން ހުޅަނގުން މިހާރު ވެސް ނޯޓްކޮށްފައި ބޭއްވުމަށް ޕޫޓިން އެދިވަޑައިގެންނެވި އެވެ.
ހުޅަނގަށް ހުރި ކޮޅުތައް ހުސްވެގެން މިހާރު މިސްރާބުޖަފާއި ހުރީ ނިއުކްލިއާއާ ދިމާއަށް ކަމަށް ވިދާޅުވެ ޕޫޓިން ވިދާޅުވީ ރަޝިއާ އޮންނާނީ ކުރިން ވެސް ވިި ވައުދުގައި ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ނިއުކްލިއާ ބޭނުންކުރާ ގައުމަކަށް ރަޝިއާ ނުވާނެ އެވެ.
ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫ ވެސް ވަނީ އިނގިރޭސިންނަށް ރައްދުދެއްވާފަ އެވެ. އޭނާ ވިދާޅުވީ ހުޅަނގުން މިހާރު ވެސް ކިތަންމެ ރަތް ރޮނގެއް ހުރަސްކޮށްފި ކަމަށެވެ. އަދި ރަޝިއާ އޮތީ އެކަން ނޭނގޭތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅަނގުން ރަތްރޮނގުތައް ހުރަސްކުރަމުން، ހުރަސްކުރަމުން އާދެވޭނީ ކިހާ ހިސާބަކަށްތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ހުޅަނގުން ހުރަސްކުރާ ރަތް ރޮނގެއްގެ ސަބަބުން އެނބުރި ނުދެވޭ ހާލަތެއް އަންނަންދެން ރަތް ރޮނގު ހުރަސްކުރާނެ ކަމަށެވެ.
އެކަމަކު ވަކި ހިސާބަކި ރަޝިއާގެ ކެތްތެރިކަން ކޮޅުންލާނެ ހިސާބަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.