- ހޯދަނީ ތިން ޑިރެކްޓަރުން
- ކުރިމަތިލުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 14 ވަނަ ދުވަސް
- މި މަގާމުގައި މިހާރުވެސް ތިން ބޭފުޅުން ތިއްބަވާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކް (ބީއެމްއެލް) އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
މި މަގާމަށް ކުރިމަތި ލެވޭނީ "ރާއްޖޭގެ ބޭންކިންނާ ބެހޭ ގާނޫނު" ގައި ވާ ގޮތުގެ މަތިން އުމުރުން 30-70 އަހަރުގެ މީހުންނަށް ކަމަށް ކަމަށް ބޭންކުން ބުނެ އެވެ. މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަތުރުތައް ހަމަވާންވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ގައުމީ ބޭންކުން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބަގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި ބޭންކިން އާއި މާލީ ހިދުމަތްތަކާއި އާންމުގޮތެއްގައި އިންވެސްޓްމެންޓް ވިޔަފާރި އާއި ހާއްސަކޮށް ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ އެހެން ރިސްކްތަކާ ބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި މަޢުލޫމާތު ލިބިގެންވާ ފަރާތަކަށް ވާން ވާނެ ކަމަށެވެ.
ބީއެމްއެލްގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ މުހައްމަދު އަބްދުއްސައްތާރާއި އިބްރާހިމް މުހައްމަދު އަދި އިބްތިޝާމާ އަހުމަދު ސައީދު އެވެ.