ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލި މުއްދަތުގައި އެއްވެސް ބޭފުޅަކު ކުރިމަތި ނުލެއްވި އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލައްވާނެ ބޭފުޅަކު ނުވެ ދިޔަ މިއީ ފުރަތަމަ ފަހަރެވެ.
ހައިކޯޓުގެ އިސް ފަނޑިޔަރު ކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވީ ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ހައިކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލުމުން ވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅުކެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށްވެސް ޖޭއެސްސީ އިން ވަނީ ހުޅުވާލާފަ އެވެ.
ހައިކޯޓާއި މާލޭގައި ހުންނަ ސްޕީރިއާ ކޯޓުތަކުގެ އިސް ގާޒީންގެ މަގާމަށް ކުރިމަތިލެއްވެނީ އެ ކޯޓެއްގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް އެކަންޏެވެ.