އިންޑިއާގެ ބަންކުރާގެ ކުޑަކުޑަ ފިރިހެން ކުއްޖެއްގެ އެކްރޮބެޓިކް ހަރަކާތްތައް މޮޅުކަމުން "ކުޑަ ޓައިގާ ޝްރޮފް"ގެ ނަމުގައި ވަނީ މަޝްހޫރުވެފަ އެވެ.
މި ކުއްޖާ ބުރު އަޅާލާފައި ބިންމައްޗަށް އެ ތިރިވާ ގޮތުން މިއީ އާދައިގެ ކުއްޖެއް ނޫންކަން ޔަގީންވެއެވެ. އެހާވެސް އެ ކުއްޖާ ހުނަރުވެރި އެވެ. އަދި މި ކުއްޖާގެ އެކްރޮބެޓިކް ހަރަކާތްތަކަކީ ވަރަށް ނުރައްކާތެރި ވެސް ކަމެކެވެ.
ބުރުއަޅާއިރު އާއި ފުންމާއިރު އަދި ބިންމަތީގައި އައިސް ޖެހޭއިރު ކިރިޔާ ވެސް އެއް އަތަކަށް ޖެހިއްޖެނަމަ އެ ކުއްޖާގެ ފަޔާއި މައި ބަދައަށް ގެއްލުންވުމުގެ ނުރައްކާ އިންތިހާއަށް އެބައޮތެވެ. ނަމަވެސް އެ ކުއްޖާ އެއަށް ވުރެ މާހުނަރުވެރި އެވެ. އަދި އަނިޔާއެއް ނުލިބޭނެ ގޮތަށް ކަންތައްތައް ކުރަން ކުއްޖާ ވަނީ ވަރަށް ކުޑައިރުއްސުރެ ދަސްކޮށްފަ އެވެ.
ބަންކުރާގެ ކެޝިއޮކާލް އަވަށުގައި ދިރިއުޅޭ ދީޕް ކުމާރު ޗައުދަރީ ނަމަކަށް ކިޔާ މި ކުއްޖާއަކީ ބަންކޫރާގެ ޒިލާ ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވާ ދަރިވަރެކެވެ.
"ކުޑަ ޓައިގާ ޝްރޮފް"ގެ ނަމުން މަޝްހޫރުވެފައިވާ މި ކުއްޖާއަށް އެކްރޮބެޓިކް ހަރަކާތްތައް ދަސްކޮށްދޭން މީހަކު އުޅޭކަން ނުޖެހެ އެވެ. ހެނދުނު ފަތިހާ ހޭލައިގެން އޭނާ ޕްރެކްޓިސް ކުރަން ފަށާ ގޮތަށް ހުއްޓާލަނީ އިރު ބޯމައްޗަށް އެރީމަ އެވެ.
ދީޕްގެ އުންމީދަކީ އޮލިމްޕިކްސްގައި އޭނާގެ ގައުމު، އިންޑިއާ ތަމްސީލު ކުރުމެވެ.
ދީޕްގެ މި ހުނަރު އޭނާގެ ސްކޫލްގެ ޓީޗަރަކަށް ފާހަގަކުރެވިގެން އޭނާގެ ހަރަކާތްތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި އެވެ. މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކީ މި ޓީޗަރު ޕޯސްޓްކުރި ވީޑިއޯ އެކެވެ.
ދީޕްގެ ބައްޕަ ރަންޖީތު ކުމާރު ޗައުދަރީ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށް ވާތީ ދީޕްގެ ތަމްރީނުތަކަށް އޭނާ ގޮވައިގެން ތަންތަނަށް ގޮސް އުޅުމަކީ އޭނާއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. އެހެންކަމުން ކުޑަ ކުޑަ ދީޕް މިހާތަނަށް ދަސްކުރި ޖިމްނާސްޓިކްގެ ހުރިހާ އުކުޅުތަކަކީ ވެސް އިންޓަނެޓުން ބަލައިގެން ދަސްކޮށްފައިވާ އުކުޅުތަކެވެ.
އަނެއްކޮޅުން ދީޕް އަކީ ފަގީރު އާއިލާއެއްގެ ކުއްޖަކަށް ވާތީ އޭނާއަށް އެކަށީގެންވާ ރަނގަޅު ތަމްރީނެއް ދޭނެ ޓްރެއިނާއެއް ހޯދުމަކީ ވެސް އޭނާގެ އާއިލާއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. އެހެންވެ ސޯޝަލް މީޑީއާގައި ވައިރަލްވެގެން އުޅޭ ދީޕްގެ ވީޑީއޯތަކުގައި ޓްރެއިނާ އަކީ ވެސް ހުދު އޭނާ އެވެ.
ދީޕް އޭނާގެ އަމިއްލަ ގައުމު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ތަމްސީލު ކުރުމަކީ އޭނާގެ ބައްޕަ ވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް ރަނގަޅު ޓްރެއިނާއެއްގެ ފަރާތުން އެކަށީގެންވާ ތަމްރީނު ލިބިގެން ނޫނީ ދަރިފުޅު މި ރޮނގުން ކުރިއަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޔަގީންވާ ކަމަކީ ދީޕް އަކީ ގުދުރަތީ ގޮތުން ޖިމްނާސްޓިކްގެ ހުނަރުތައް ލިބިފައިވާ ކުއްޖެކެވެ. އަދި އެ ހުނަރު ކުރިއަރުވަން ގަދައަޅާ މަސައްކަތްކުރާ ކުއްޖެއް ވެސް މެއެވެ.