އަފްޣާނިސްތާނަށް މިދިޔަ އަންގާރަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ އަސަރު އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ރަށްތަކަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. ދިއްލީ ފަދަ ބައެއް ރަށްތަކުގެ ބިންގަނޑު ތިން މިނިޓް ވަންދެން ގުޑަމުންދިޔަ ކަމަށް އެ ކަން ތަޖުރިބާކުރި ބައެއް މީހުން ސޯޝަލް މީޑިއާގައި ކިޔައިދީފައި ވެއެވެ.
ބިންހެލުން އައުމާއެކު ގޭގޭގައި ތިބި މީހުން ދުވެފައި ހާމަ ތަންތަނަށް ނުކުތެވެ. އިމާރާތް ވެއްޓި އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެތީ އެވެ. ނަމަވެސް ކަޝްމީރުގެ ހޮސްޕިޓަލެއްގައި އެ ވަގުތު ސިޒޭރިއަން އޮޕަރޭޝަން ކުރަމުންދިޔަ ޑޮކްޓަރުންނަށް އެމީހުންގެ ފުރާނަ ސަލާމަތްކުރަން ދުވެފައި ދެވޭކަށް ނެތެވެ. ނުވަތަ ބަލި މީހާއަށް ވާނެ ގޮތެއް ވާން ދޫކޮށްލާފައި އެމީހުންގެ ފުރާނަ ސަލާމަތްކުރަން ދުވަން އެ ޑޮކްޓަރުން ބޭނުމެއް ނުވި އެވެ.
ބިންހެލުން އައިސް ހޮސްޕިޓަލުގެ ފަންގިފިލާތައް ވަރަށް ގަދަޔަށް ގުޑަން ފެށި އެވެ. އަދި މުޅި ހޮސްޕިޓަލުން ކަރަންޓް ދިޔަ އެވެ. ނަމަވެސް ކަރަންޓް ނެތަސް ބިންގަނޑު ވަރަށް ބާރަށް ތެޅެމުންދިޔަ ނަމަވެސް ސާޖަރީ ފުރިހަމަ ނުކޮށް އެތަނުން ދާކަށް ޑޮކްޓަރުން ހިތަކަށް ވެސް ނާރަ އެވެ. އެމީހުންގެ ފުރާނައަށް ބެލުމެއް ނެތި ޑޮކްޓަރުން އެ ސާޖަރީ ފުރިހަމަ ކުރަމުން ދިޔަ އެވެ. އަދި ސާޖަރީ ހަދަމުންދިޔަ މާބަނޑު މީހާގެ ހިތްހަމަޖެއްސުމުގެ ގޮތުން ވެސް އެކި ވާހަކަތައް ޑޮކްޓަރުން ދައްކަމުން ދިޔަ މަންޒަރު މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެނެ އެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު މި ޑޮކްޓަރުންނަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަދި މި މެޑިކަލް ޓީމުގެ ޕްރޮފެޝަނަލް ކަމުން ވަރަށް އުފާވެއްޖެ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.
މި ވީޑީއޯ ކްލިޕް ޝެއާ ކޮށްފައިވަނީ މި ސާޖަރީ ހެދި ކަޝްމީރު ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އޭނާގެ އޮފިޝަލް ޓުވިޓާ އެކައުންޓުންނެވެ.
ބިން ހެލުން އައިސް އޮޕަރޭޝަން ތިއޭޓަރުގައި ހުރި މެޑިކަލް އިކްއިޕްމަންޓްތައް ވެސް ވަރަށް ބާރަށް ތެޅޭތަން މި ވީޑިއޯގައި ފެނެ އެވެ. އަދި ކަރަންޓް ކެނޑި މުޅި ތަން އަނދިރިވީ ވަގުތު ކައިރީގައި ހުރި މޮނިޓާއެއްގައި ދިއްލިފައި ހުރި ބޮތްކެއްގެ އަލީގައި ޑޮކްޓަރުން ސާޖަރީ ފުރިހަމަ ކުރިތަންވެސް ވީޑީއޯގައި ފެނެ އެވެ.
މި ސާޖަރީ ހެދުމުގައި އުޅުނު ހެލްތު ޕްރޮފެޝަނަލުންނަށް އެތައް ހާސް ބަޔަކު ތައުރީފުކުރިއިރު ބަލި މީހާގެ ހިތްވަރު ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. އެފަދަ ބިރުވެރި ވަގުތެއްގައި ވެސް ބަލި މީހާ ވަރަށް ހިތްވަރުކޮށްފައިވާ ކަމަށް މީހުންގެ ކޮމެންޓުތަކުގައި ބުނެފައި ވެއެވެ.