މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނިލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން ރޯދަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނާނީ އާންމުކޮށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެ މީހަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެެވެ.
ޒަކާތް ދައްކަންވީ މިންވަރު
- ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
- ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ
- ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- އާދައިގެ ފުށް - 12 ރުފިޔާ
- ރަތް ހަނޑޫ - 99 ރުފިޔާ
- އާޓާ ފުށް - 75 ރުފިޔާ
ޒަކާތް ފުރަތަމަ ބަލައިގަންނާނީ ފައިސާއިން ކަމަށެވެ. ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ މާލޭގައި އިސްލާމިކް މިނިސްޓްރީގައި ބަހައްޓާފައިވާ ހާއްސަ ޑެސްކްތަކަކުން ބަލައިގަންނާނެ އެވެ. ރަށްރަށުގައި ކައުންސިލް އިދާރާތަކުން އަދި ސިޓީތަކުގައި ސިޓީ ކައުންސިލުން ޒަކާތު ފައިސާ ބަލައިގަންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެސްކްތަކުން ޒަކާތް ބަލައިގަންނާނީ މިހިނގާ މާޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ.
އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިދީފަ އެވެ.
އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް
- މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
- މިނިސްޓްރީ އޮފް ފިނޭނެސް - ބަނޑޭރި ޕޯޓަލް
- ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
- ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
- އުރީދޫ - އެމް ފައިސާ
- ދިރާގު - ދިރާގު ޕޭ
ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ރަމަޟާން މަހު ފަހުކޮޅު އެވެ. އެކަމަކު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެ އެވެ.
ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ.