ޖުމްހޫރީ ޕާޓީ

ޖޭޕީގެ ކެމްޕޭން ފަށަން ނިންމާ، އަމީންއަށް ބޮޑު ޒިންމާއެއް

Mar 24, 2023
1

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމަށް ތައްޔާރުވެ ކެމްޕޭންގެ މަސައްކަތްތައް ޕްލޭން ކުރެއްވުމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް ކުރެއްވުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އިސްކުރައްވާފައިވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެވެ.

"ޖޭޕީގެ އެންމެ ބޭފުޅުން ޑެޕިއުޓީ ލީޑަރު އަމީންއަށް އެއްބާރުލުން ދެއްވުމަށްވެސް [ގާސިމް] ވަނީ އެދިވަޑައިގެންފައެވެ." ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މި ކެމްޕޭންގައި މުހިންމު ދައުރެއް އޮތް ވާހަކަ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާ ކެމްޕޭން ފެށުމަށް ތައްޔާރުވަމުން މިދަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ރައީސް ސޯލިހް މިދިޔަ އަންގާރަ ދުވަހު މީޑިއާއާ ބައްދަލުކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ސިޓީއަށް ޖުމްހޫރީ ޕާޓީގެ ރަސްމީ ޖަވާބެއް ނުލިބޭ ކަމަށާއި އެހެންވެ ޖުމްހޫރީ ޕާޓީގެ ޖަވާބެއްގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާަސިމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއްް ދެ އިންތިހާބުގައި -- 2008 އަކާއި 2013 ގައި ގާސިމް ވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުތަކުގައި ކާމިޔާބު ލިބިވަޑައިނުގަތުމުން ކޯލިޝަން ހައްދަވައިގެން ވެރިކަން ލިބިވަޑައިގަންނަވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވާ ބޭފުޅެކަށެވެ. ގާސިމް ވާދަކުރެއްވި ރިޔާސީ އިންތިހާބުތަކުގައި އެމަނިކުފާނަށް މުޅިންވެސް ލިބިވަޑައިގަންނަވަނީ ތިންވަނަ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއަހަރު ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ރައީސް ސޯލިހަށް ނެތުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނުފެންނާތީ އެވެ.