ސްރީލަންކާ

"ސަރުކާރުން ދަރިފުޅު ހައްޔަރު ކުރީ ބަދަލު ހިފަން"

ދަރިކަލުން ޔޮޝީތާ ރާޖަޕަކްސަ ހައްޔަރުކޮށްފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރިކަލުން ޔޮޝީތާ ރާޖަޕަކްސަ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ވަނިކޮށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ދަރިކަލުން ޔޮޝީތާ ރާޖަޕަކްސަގެ ހާލުކޮޅު ބައްލަވައިލެއްވުމަށް ވެރިރަށް ކޮލޮމްބޯގައި ހުންނަ ޖަލަށް ޒިއާރަތް ކުރެއްވުމަށްފަހު އެވެ.

ރާޖަޕަކްސަ ވަނީ ޖަލަށް ވަޑައިގެން ކުޑަ ހިނދުކޮޅަކަށް ދަރިކަލުން އަރިހުގައި މަޑުކޮށްލައްވާފަ އެވެ. އަދި ޖަލުން ނުކުމެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ކުރިމަތިލައްވާ ރާޖަޕަކްސަ ވިދާޅުވީ ފުލުހުން އޭނާގެ ދަރިކަލުން ހައްޔަރު ކުރީ އެމަނިކުފާނުގެ ފަރާތްޕުޅުން ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި ވިދާޅުވީ ބަދަލު ބޭނުންވާނަމަ ދަރިފުޅު ދޫކޮށްލުމަށްފަހު އޭނާ ހައްޔަރު ކުރެށްވުން ރަނގަޅުވާނެ ކަމަށެވެ.

ސްރީލަންކާގައި ވަރަށް މަޝްހޫރު ޖަލެއް ކަމަށްވާ ވެލިކަޑަ ޖަލު ބޭރުގައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ "ސިޔާސީ ހަސަދަ ފިލުވައިލަން" ނުވަތަ ސިޔާސީ ބަދަލު ހިފުން ހިނގަންވާނީ ސިޔާސީ ވެރިންނާއި ބޭފުޅުންގެ ތެރޭގައި އެކަނި ކަމަށެވެ. އަދި ސިޔާސީ ގޮތުން ބަދަލުހިފުމުގައި އާއިލާއާއި ހިސާބަށް ދިޔުން އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

ރާޖަޕަކްސަ ވަނީ މިހާރުގެ ސަރުކާރަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް މައިތްރިޕާލާ ސިިރިސޭނާގެ ސަރުކާރުން ޑިމޮކްރަސީގެ ނަމުގައި ދައްކަނީ ދަޅައެއް ކަމަށާއި ސަރުކާރުގެ އަމަލުތައް ހުރީ އޮޕޮޒިޝަންގެ ބާރު ކުޑަކުރުމުގެ ގޮތުން ކުރީގެ ސަރުކާރުގެ ވެރިން ހައްޔަރު ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ބަދަލު ހިފި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫއަރުވައިގެން ނުވާނެ ކަމަށެވެ.

ޖަލަށް ޒިޔާރަތް ކުރައްވައި ރާޖަޕަކްސާ ވާހަކަފުޅު ދެއްކެވި އިރު ދަރިކަލުން ޔޮޝީތާ ރާޖަޕަކްސަގެ ކޮއްކޮ ރޮހިތަ ރާޖަޕަކްސާ ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް އިންޒާރުގެ މެސެޖްތަކެއް ދެއްވާފައެވެ.