އިލެކްޝަންސް ކޮމިޝަން

ފިންގަޕްރިންޓް ނެތް މެންބަރުން ޕާޓީތަކުން ވަކިކުރުން މަޑުޖައްސާލަން އަމުރުކޮށްފި

Feb 1, 2016

ޕާޓީތަކުގެ މެންބަޝިޕް ފޯމްގައި ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރުން މަޑުޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމަރެއް ނެރެފި އެވެ.

މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ހަމަކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް އެމްޑީޕީއިން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގެ ތެރެއަށް ޑީއާރްޕީ އަދި އަދާލަތުން ޕާޓީން ވަނީ ވަދެފައެވެ. އެ މައްސަލަ ނިމެންދެން މެމްބަރުން އުނިކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެމްޑީޕީން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ނިންމާފައެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބެއްލުވުމަށްފަހު މިއަދު ހުކުމްކުރީ، ސިވިލް ކޯޓަށް އެމްޑީޕީއިން ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފިންގަޕްރިންޓް ނުޖަހާ މެންބަރުން އެ ޕާޓީތަކުން ވަކި ނުކުރުމަށެވެ.

މައްސަލާގައި ޖަވާބުދާރީވަމުން އިއްޔެ، އިލެކްޝން ކޮމިޝަން ތަމްސީލުކުރި ދައުލަތުގެ ވަކީލާ ލުބާނަތު އިސްމާއިލް ވިދާޅުވީ، ފިންގަޕްރިންޓް ޖެހުމަށް ޕާޓީތަކަށް އެންގީ ހަމަހަމަ ކުރަން ކަމަށާއި ބައެއް ޕާޓީތަކުން ފޯމްތަކުގައި ފިންގަޕްރިންޓް ޖަހާފައިވާ ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، ފިންގަޕްރިންޓް ނުޖަހާނަމަ ޕާޓީގެ މެންބަރުކަމުން ވަކިވި ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި އެމީހަކަށް ބައިވެރިވެވޭނެ ކަމަށެވެ. އެއީ ކޮން ހައިސިއްޔަތަކުންތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ވަކީލާ ވިދާޅުވީ، އެއީ އަމިއްލަ ހައިސިއްޔަތަކުން ކަމަށެވެ.

މި މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށް ވެސް ވަކީލާ ވަނީ ވިދާޅުވެފަ އެވެ. އަދި ހައިކޯޓުން މެންބަރުން ވަކިކުރުން މަޑުޖައްސާލަން ވަގުތީ އަމުރެެއް ނެރުނު ނަމަވެސް އިލެކްޝަންސްއަށް މާބޮޑު ދަތިތަކެއް ނުވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ފިންގަޕްރިންޓް މައްސަލާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނޭންގޭނެ ކަމަށެވެ. އެ ލަފައަށް އިލެކްޝަންސްއިން އަމަލުކުރައްވަންތޯ ސުވާލުކުރެއްވުމުން ވަކީލާ އިއްޔެ ވިދާޅުވީ، އޭޖީގެ ލަފަޔަށް އަމަލު ނުކުރާ ކަމަށެވެ. އަމަލު ނުކުރާ ސަބަބެއް ކަމަށް ވިދާޅުވީ އޭޖީގެ ލަފަޔަކީ ހުކުމެއް ކަމަށް ނުވާތީ ކަމަށެވެ.