ލައިފްސްޓައިލް

ހާޓް އެޓޭކް ޖެހުނު 63 އަހަރު އަންހެނެއްގެ ތަޖުރިބާ

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި އެ ގައުމުގައި ކާޑިއޯވެސްކިއުލާ ބަލިތަކުގައި ކޮންމެ 34 ސިކުންތަކުން މީހަކު މަރުވެ އެވެ.

މި މައުލޫމާތަށް ބަލާއިރު ހިތުގެ ސިއްހަތާ މެދު އެއްވެސް މީހަކަށް ޣާފިލުވެވެން ނެތް ކަން ޔަގީންވެ އެވެ. ހަކުރުބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ކަމެއް ތިމާގެ ހަށިގަނޑުގައި ހުރިތޯ ޗެކްކޮށް އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ވީހާ ވެސް އަވަހަށް އެޅުމުގެ މުހިއްމުކަންވެސް މި ނަތީޖާއިން ގަބޫލުކުރަން ޖެހެ އެވެ.

އެމެރިކާގެ 63 އަހަރުގެ އަންހެނަކަށް ހާޓް އެޓޭކް ޖެހުނު ގޮތް އޭނާ ސޯޝަލް މީޑިއާގައި ކިޔައިދީފައި ވެއެވެ. އޭނާ ފަދައިން ހިތުގެ މައްސަލަތަކެއް ހުރިކަން ފުރަތަމަ ފަހަރަށް އެނގޭ މީހުންނަށް މި މައުލޫމާތުން އެކަށީގެންވާ ފައިދާ އެއް ލިބިދާނެ ކަމުގެ އުންމީދުގަ އެވެ.

"އެއީ 2021ގެ ނޮވެމްބަރު ހިސާބު. އަހަންނަށް 63 ވަނަ އުފަން ދުވަސް ފާހަގަކުރަން އޭރު އޮތީ ދެ ތިން މަހެއް. އަހަރެން ކާރު ދުއްވަމުން ގޮސް ޓްރެފިކް ލައިޓަކަށް މަޑުކޮށްލިތަނާ ކުއްލިއަކަށް ވާއަތް އައްސިވީމަ ވާ ކަހަލަ އިހްސާސްތަކެއް ކުރެވެން ފެށީ. ހީވީ އަތަށް ކަށިތަކެއް ހަރަނީހެން. އަހަރެން ވަގުތުން ރައްޓެއްސަކަށް ގުޅާފަ އެހިން މީ އަނެއްކާ ހާޓް އެޓޭކެއްގެ އަލާމާތެއް ބާއޭ؟،" އަންހެން މީހާ ބުނެފައި ވެއެވެ.

އެ ދުވަހު އެކުވެރިޔާއާ ވާހަކަ ދައްކަން އިންދާ އޭނާގެ އަތަށް ވީ އުނދަގޫތައް ކުއްލިއަކަށް ހިނގައްޖެ އެވެ. އެހެންވެ ފަހުން އެކަން ހަނދާން ނެތި ކުރިން ވެސް އުޅުނު ދިރިއުޅުމުގައިގެން އުޅެމުން ދިޔައީ ކަމަށް އަންހެން މީހާ ބުންޏެވެ.

އޭގެ ދެ ތިން ހަފުތާއެއް ފަހުން ޑިސެމްބަރު މަހުގެ ކޮންމެވެސް ދުވަހެއްގައި އެ އަންހެން މީހާ ކޮއްކޮއަކާއެކު މެންދުރު ކާން އިންދާ ކުއްލިއަކަށް މޭ އަންދާގޮތް ވާން ފެށި އެވެ. އެއީ ކޮވިޑް-19ގެ ބޫސްޓާ ޑޯޒެއް އޭނާ ޖެހި ދުވަސް ވަރަކަށް ވުމާއެކު ރޯގާގެ އަލާމާތްތަކަކާއި މޭ ނުބައިކުރުން، އަދި ދާހިތްލުމާއި މާ ބޮޑަށް ވަރުބަލިވުން ފަދަ ކަންތައްތަކެއް ވެސް އަންހެން މީހާ އަށް ތަޖުރިބާ ކުރެވެން ފެށުމުން އޭނާ ހީކުރީ ވެކްސިން ޖެހީމަ ވެގެން އުޅޭ ގޮތެއް ކަމަށެވެ. އެހެންވެ ހާޓް އެޓޭކެއްގެ އަލާމާތްތައް އަންހެން މީހާ އަށް ދެނެނުގަނެވުނީ އެވެ.

އެމެރިކާގެ ސީޑީސީގެ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ހާޓް އެޓޭކްގެ އަލާމާތްތަކުގެ ތެރެއިން ފިރިހެނުންނާއި އަންހެނުންނަށް ވެސް އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި މޭގއި ރިއްސުން، މެޔަށް އުނދަގޫވުން، ނޭވާ ކުރުވުން، ކޯތާފަތް، ކަރު، ބުރަކަށި، އަތް، އަތުގެ މުލައްދަނޑި ފަދަ ތަންތަނުގައި ރިހުން ނުވަތަ އުނދަގޫޥުން، މޭ ނުބައިކުރުން، ބޯއެނބުރުން، އާދަޔާޚިލާފަށް ވަރުބަލިވުން ހިމެނެ އެވެ. ނަމަވެސް މި އަންހެން މީހާ ބުނި ގޮތުގައި ހާޓް އެޓޭކް ޖެހޭ އެހެން ގިނަ މީހުން ފަދައިން އޭނާއަށް ވެސް މިފަދަ ބައެއް އަލާމާތްތައް ފެނި އެއީ ހާޓް އެޓޭކެއްގެ އަލާމާތްތަކެއް ކަން ދެނެ ނުގަނެވުނީ އެވެ.

"އަހަރެން އޭރު އުޅުނީ އިންތިހާއަށް ބިޒީކޮށް. އާއިލާގެ މީހަކު ހޮސްޕިޓަލުގައި ބާއްވައިގެން އޭނާގެ ކަންތައް ބަލަހައްޓަމުން ގޭގައި ހުރި ޓީންއޭޖް ދަރިފުޅުގެ ކަންތައްތައް ކޮށްދެމުން އަދި އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ،" އަންހެން މީހާ ބުންޏެވެ.

އަންހެން މީހާގެ މޭގައި ވަރަށް ގަދަޔަށް ރިއްސަން ފެށީ ޖެނުއަރީ މަހު އެކުވެރިއަކާއެކު ފިލްމެއް ބަލަން ތިއޭޓަރެއްގައި އިންދާ ކަމަށާއި ވަގުތުން އެކުވެރިޔާ އޭނާ ގޮވައިގެން ކައިރީގައި ހުރި ހޮސްޕިޓަލަށް ދިޔަ ކަމަށްވެސް އަންހެން މީހާ ބުންޏެވެ.

"ސީޑީސީ ބުނާ ގޮތުގައި އަހަރެންގެ ގައުމުގައި މަރުވާ ކޮންމެ ފަސް މީހަކުން އެކަކީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން މަރުވާ މީހުން. އެފަދަ މީހަކަށް އަހަރެން ނުވީ ހަމަ ކިރޔާ،" އަންހެން މީހާ ބުންޏެވެ.

ހޮސްޕިޓަލުގެ އިމަޖެންސީގައި ހެދި ޓެސްޓްތަކުން އަންހެން މީހާގެ އާޓްރީޒްގެ 99 ޕަސެންޓް ބްލޮކްވެފައި ހުރިކަން ޔަގީންވި އެވެ. އަދި އެތަނަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަންހެން މީހާގެ ސާޖަރީ ހަދައި އޭނަގެ ފުރާނަ ސަލާމަތްވި އެވެ.

"އެވަގުތު އަހަރެން އޮތީ ފުރާނަ ސަލާމަތްވޭތޯ ހިތާ ހިތުން ދުއާ ކޮށްކޮށް. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވާ 17 އަހަރުގެ އެޑަމް އަކީ އޮޓިޒަމް މައްސަލަ ހުންނަ ކުއްޖެއް. އަހަރެން ނެތިއްޔާ އޭނާއަށް އަޅާލާނެ މީހަކު ނުހުންނާނެ. އެހެންވެ ވަރަށް ކަންބޮޑުވި އެ ވަގުތު،" އަންހެން މީހާ ބުންޏެވެ.