ރެފިއުޖީން

ހަނގުރާމަ ނިމުމުން ރެފިއުޖީން ދާން ޖެހޭނެ: އެންޖެލާ

ސީރިޔާ އަދި އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވާން ޖަރުމަނަށް ހިޖުރަކުރި މީހުން ހަނގުރާމަ އާއި ހަމަނުޖެހުންތައް ނިމުމުން އެނބުރި ގައުމަށް ދާން ޖެހޭނެ ކަމަށް ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ. މާކެލް ދެއްކެވި ވާހަކައިން އެއީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ހަނގުރާމައިގެ ސަބަބުން ޖަރުމަނުން ހިމާޔަށްދީ އެ ގައުމަށް އެތެރެވުމަށް ރެފިއުޖީންނަށް ހުއްދަދިނީ ވަގުތީ ގޮތުން ކަމަށް މާކެލް ވިދާޅުވި އެވެ.

އަދި 1990 އަހަރުތަކުގައި ޔުގޮސްލާވިއާގައި ހަނގުރާމަ ހިނގަމުން ދިޔައިރުވެސް ޖަރުމަނަށް އެޤައުމުން ގިނަ އަދަދެއްގެ ރެފިއުޖީން ހިޖުރަކުރި ކަމަށެވެ. އަދި އެ ހަނގުރާމަ ނިމި ޤައުމުގެ ޙާލަތު ރަނގަޅުވުމުން އޭގެތެރެއިން 70 އިންސައްތަ މީހުން އަނބުރާ ޤައުމަށް ގޮސްފައިވާ ކަމަށްވެސް މާކެލް ވިދާޅުވި އެވެ.

އެ ނިންމުމާއި ގުޅޭގޮތުން ބައެއް ޤައުމުތަކުގެ ސަރުކާރުގެ އިސް ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ބޮޑު އެއްބާރުލުމެއް ދޭ ކަމަށް ވިދާޅުވި އެވެ.